ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރިން ވިދާޅުވި ހުރިހަ އެއްޗެއް ކެންސަލްވެ ކީހާ ޅެން ފަރިއްސަށްވެއްޖެ ކަމަށް މަސްވެރިން ބުނެފިއެވެ.
މި ވެރިކަމަކީ މަސްވެރިންވެސް ބުރަ މަސައްކަތްކޮށްގެން ގެނައި ވެރިކަމެއް ކަމަށާއި ދައުލަތުގެ މާލިއްޔަތު ބާރުގެ އަތްމައްޗަށް ލިބުމުން އަމިއްލަ މުދާހެން ބަނޑުއަޅުމުގެ ބަދަލުގައި އެ ފައިސާގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމަށް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.
މަސްވެރިންގެ ފައިސާ ނުދީ ދެމަސް ފާއިތުވެ އެ މައްސަލައިގައި މަސްވެރިން ނުކުމެ އިހުތިޖާޖު ކުރަން ނުކުތުމުން ވަނީ ކޮންމެވެސް ވަރަކަށް ފައިސާ ދޫކޮށްފައި މަސްވެރިން ހައްދާލާފައެވެ. ނަމަވެސް މަސްވެރިން ތިބީ މިފަހަރު ދޫދޭ ގޮތަކަށް ނޫން ކަމަށާއި ސަރުކާރުން އަމިއްލަ މަންފާތަކަށް ފައިސާ ޚަރަދުކުރެވޭއިރު މަސްވެރިން ރެޔާއި ދުވާލު ބުރަ މަސައްކަތްކޮށް މަސް ބާނާ މަހަށް ވާ އަގު ހޯދަން ސަލާން ޖެހުން ނޫން ގޮތެއް ހޯދާ ދިނުމަށް ސަރުކާރަށް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.
މީގެ އިތުރުން ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ރައްޔިތުން ކުރި ބޮޑު މޮޔަކަމެއް ކަމަށް ބުނެފައިވެއެވެ. ސ.ހުޅުދޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މިނިސްޓަރ ވަޑައިގަތް މި މައްސަލައަށް ހައްލު ހޯއްދަވާދެއްވުމަށްވެސް މި ފަރާތްތަކުން ގޮވާލާފައިވެއެވެ.
މީގެ އިތުރުން މަސްވެރިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް މަސް ނިމުމާއެކު ކުރި މަސައްކަތުގެ އުޖޫރަ ލިބޭ ކަމަށާ ނަމަވެސް މަސްވެރިން އެ ހައްގުން މަހްރޫމުވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
ހަމައެހެންމެ މަސްވެރިން އަތުން މަސް ކިރައިގެން ގަތުމަށްފަހު ފަހުން ފައިސާދޭން ސަރުކާރުން ލަސްކުރާއިރު ސަރުކަރުން އެ މަސްވެރިންގެ ގޭގެއަށް ފޯރުކޮށްދޭ ހިދުމަތްތައް ފަހުން ލާރިދޭ ގޮތަސް ފަސްނުކޮށްދޭ ކަމަށާ އެގޮތުން މަހުން މަހަށް ކަރަންޓު ބިލާ އެއްޗެއްހި ދައްކަން ޖެހޭ ކަން މަސްވެރިން ހަނދާން ކޮށްދީފައިވެއެވެ. އަދި ބިލު ނުދައްކައިފި ނަމަ ކަރަންތޫ ވެސް ކަނޑަން އޮންނަ ދުވަހު ކަނޑާލާ ކަމަށާ ގޭގައި ކާން ބޭނުންކުރާ ހަކުރު ހަނޑޫ ފުށް ފަދަ ޒަރޫރީ ތަކެތިވެސް ސަރުކާރުގެ ކުންފުނި އެސްޓީއޯއަށް ދިޔަޔަސް މަސްވެރިންނަށް ފަހުން ލާރިދޭ ގޮތަށް ނުލިބޭކަމަށާ އެހެންކަމުން މަސްވެރިންނަށް ފަހުން ލާރިދޭން ސަރުކާރުން ލަސްކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް މަސްވެރިން ވަނީ ހާމަކޮށްފައެވެ.