އާދައިގެ މަތިން ޑިއުޓީ ނިންމާފައި ގޮސް އެނދުގައި ޖައްސާލީ ވެފައި ހުރި ވަރުބަލިކަން ފިލުވާލުމުގެ ނިޔަތުގައެވެ. ފުލް ޑިއުޓީއަކަށް ފަހު ގޮސް އޮށޯތުމުން ވެސް ނިދި ނައިސްގެން ފޯނު ނަގާ ފޭސްބުކް ހުޅުވާލީމެވެ.
ނިއުސް ފީޑުގައި ގިނައީ ޢީދުގެ ކުޅިވަރުތަކާ އެކި މީހުން ނަގަމުން ދިޔަ މަޖަލުގެ ޕޯސްޓުތަކެވެ. ނަމަވެސް ކުއްލި އަކަށް ލޮލުގައި އަޅައިގަތީ ރާއްޖޭގެ އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ޢަލީ ސަޢީދު އެމަނިކުފާނުގެ އެފްބީ ޕޭޖުގައި ހިއްސާކޮށްފައިވާ ހުރި ފޮޓޯއެކެވެ.
ޒުވާން އަންހެން ކުއްޖަކު އުމުރުން ދޮށީ މީހަކަށް ކާން ދޭން ހުރި މަންޒަރު ފެންނަ އެ ފޮޓޯ ފެނުމާ އެކު ހިތަށް ތަސައްވުރު ވެގެން ދިޔައީ މައްކާގައި އުމްރާއަށް ގޮސް އުޅުނު ދުވަސްތަކުގެ ގަދަ ހޫނުގައި ވީ ވަރުބައްޔާއެކު އުޅުނު ގޮތެވެ.
މި ފަހަރުގެ ޙައްޖު މޫސުމަކީ ވެސް ހަމަ އެހާ ހޫނު ގަދަ ދުވަސްވަރަކަށްވެފައި ޙައްޖަށް ދާ މީހުންނަށް އެހިތެރިވުމަށް އިސް ނަގައިގެން ދިޔަ މީހުންގެ ދެ ގުނަ ޒިންމާ ބޮޑުވަނެއެވެ. ޙައްޖާޖީންގެ ކަންކަން ބެލެހެއްޓުމާ ޙައްޖާޖީންނަށް ބޭނުންވާކަންކަން ވަގުތަށް ފުރިހަމަ ކުރުމުގެ އިތުރުން ހާޖީން ބަލިވެ ހިނދެއްގައި އެ ހާޖީންނާ އެކު ހޮސްޕިޓަލުގައި ވެސް ބައެއް ފަަހރު މަޑުކުރަން ޖެހެއެވެ.
ފޮޓޯއަކީ އެފަދަ މަންޒަރެއްގެ ފޮޓޯއެކެވެ. އުމުރުން ވަރަށް ޅަ، އެ ޒުވާނާއަކީ ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފެކެވެ. މި ފަހަރުގެ ހައްޖުގައި އޭނާވެސް ބައިވެރިވިއިރު ފޮޓޯ ގަނޑަކީ ޢައިޝަތު ގާހިރު، މިނާގައި ހުންނަ އަލް-ވާދީ ހޮސްޕިޓަލުގައި ނޭވާ ލާން އުނދަގޫވެގެން އެދުމަތިކޮށްފައި އޮތް އުމުރުން ދުވަސްވީ ހާޖީއަކަށް ކާންދޭން ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ.
ފޮޓޯ ނެގިކަން ޢައިޝާއަށް ނުވެސް އެނގޭއިރު އެ ފޮޓޯ ޑރ. ޝަހީމު ހިއްސާކުރުމުން ގިނަ ބަޔަކު ވަނީ ޢައިޝާގެ އެ އޯގާތެރިކަމަށް ތައުރީފާ ޝުކުރުގެ ގުލްހާރުތައް އަމުނާލާފައެވެ. ބައެއް މީހުން ބުނެފައިވާގޮތުގައި އެއީ ޒުވާނުންގެ ފަރާތުން މިހާރު ވަރަށް ނުފެންނަ ކަމެއް ކަމަށާ މުސްކުޅިންނަށް އޯގާތެރިވުމަކީ މިހާރުގެ ޒުވާނުން ދަންނަ ކަންކަން ނޫންކަމަށްވިޔަސް މަދުން ނަމަވެސް ޢައިޝާމެން ކަހަލަ ކުދިން ތިބުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ޢައިޝާގެ އާއިލާގެ ފަރާތުން އޭނާގެ ބޭބެ ވަނީ ޢައިޝާ މުޅި ޢާއިލާ ފަޚްރުވެރި ކުރުވައިފިކަމަށް ވެސް ބުނެފައެވެ.
ޢައިޝާއާ ބެހޭ ގޮތުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލު ވިދާޅުވީ، ޢާއިޝާއަކީ މަސައްކަތަށް ފަރުވާތެރި ގަޑިން ގަޑިއަށް ހަވާލުކުރެވޭ މަސައްކަތް ފުރިހަމަ ކުރާ މުވައްޒަފެއް ކަމަށެވެ.
ޝީ އިޒް އެން އެކްސަލެންޓު އެމްޕްލޯޔީ.
ޢައިޝާ އަކީ ހައްޖު ކޯޕަރޭޝަންސްގެ ހެޑް އޮފް އޮޕަރޭޝަންސްއެވެ. ޢައިޝާ ވިދާޅުވާ ގޮތުގައި ޙާޖީން އައިސް ގައުމުން ބޭރުގައި ޢާއިލާތަކާ ދުރުގައި ހޭދަ ކުރާ އެ މާތް މަތިވެރި ވަގުތުތަކުގައި އެ ޙާޖީން އެހީތެރިކަމަށް ބޭނުންވެގެން ދާ ގަޑިއެއްގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ މަސައްކަތުގެ ތެރެއިން އޭނާއަށް ލިބޭ އެންމެ ބޮޑު އެ ހިތް ހަމަ ޖެހުމެވެ.
ޢައިޝާގެ މަސައްކަތާ ގުޅިގެން އޭނާގެ ފަހަރި ޝަރުމާ ތޭރަ އޮންލައިނަށް ބުނެފައިވަނީ، އެއީ ޢާއިލާގެ ފަޚްރު ކަމުގައެވެ. އެގޮތުން ޢައިޝާ ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ފަރުވަތެރިކަމާ އެކު ކުރާ ހިތުން ކަމަށާ ހައްޖު މޫސުން ގާތްވުމުން ދެން އުޅޭން ޖެހޭނީ ޢައިޝާ ގޭތެރެއިންވެސް ނުފެނިގެން ކަމަށެވެ.
މިގެ އިތުރުން ޝަރުމާ ބުނެފައިވާ ގޮތުގައި ޢައިޝާއަކީ އޭނާގެ މައިންބަފައިންނަށްވެސް ނުހަނު އޯގާތެރި ދަރިއެއް ކަމަށާ އެގޮތުން ޢައިޝަގެ ބައްޕަ އެންމެ ބަލިވެ އުޅުނު ދުވަސްވަރު ޢައިޝަގެ ފަރާތުން ފެނިގެން ދިޔައީ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އެހެންކަމުން ބައްޕައަކު ބަލި އެނދުގައި އޮއްވާ ޚިދުމަތްކޮށްދީގެން ދަރިއަކު ސުވަރުގެ ވަންނަންޏާ ޢައިޝާއަށް ސުވަރުގެ މިންވަރު ކުރައްވާނެ ކަމަށް ވެސް ޢައިޝާގެ ބައްޕަ ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢައިޝާއަކީ ތޫނު ފިލި ހުޝީޔާރު ހުރިހާ އުމުރުފުރައެއްގެ މީހުންނާވެސް ގުޅޭ މިޒާޖެއްގެ ކުއްޖެގެ ގޮތުގައި ޢައިޝާގެ ދެބެންގެ ދެދަރި ބޭބެ އަބްދުﷲ ސަލީމު ފާހަގަކުރެއެވެ. ތޭރަ އޮންލައިންއާ ވާހަަކަ ދައްކަމުން ސަލީމު ބުނީ، ޢައިޝއަކި ކަންކަން ފަރިތަކޮށްކުރުމުގައި ނަމޫނާ ދަރިއެއް ކަމަށެވެ. އެގޮތުން ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށް ނިންމާނެ ކަމަށާ ވޒަީފާގެ ކަންކަމަކީ އެންމެ އިސްކަން ދީގެން ޢައިޝާ އުފަލާއެކު ކުރާކަމެއް ކަމަށެވެ. އަދި ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް އަބަދުވެސް ޢާއިލާއަށް ވަގުތު ހޯދާ ކަމަށާ ޢައިޝާގެ ޚުލްގު ހެޔޮކަމާ އޯގާތެރިކަމަކީ އޭނާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ލިބިފައިވާ ކުޑަ މިންވަރެއް ކަމަށްވެސް ސަލީމު ބުނެފައިވެއެވެ.
މިއީ މިފަހަރުގެ ޙައްޖުގެ އަޅުކަމުގެ ދުވަސްވަރު އެންމެންގެ ސަމާލުކަން ހޮދި ފޮޓޯގަނޑުގެ ވެރިޔާ ޢައިޝާގެ ވާހަކައެވެ. ޢައިޝާ ބުނާ ގޮތުގައި ކޮންމެ މިހަކީ ވެސް ޢާއިލާ މީހެކެވެ. އެހެންކަމުން ކޮންމެ މީހަކާ މެދުވެސް އޯގާތެރިކަމާއެކު ޚިދުމަތްކޮށްދިނުމަކީ ތިމާގެ އުފަލަކަށް ހަދައިފިނަމަ ކާމިޔާބީ އާ ހިތްހަމަ ޖެހުން އަބަދުވެސް މިންވަރު ކުރައްވާނެއެވެ.
ތޭރަ އޮންލައިންގެ ފަރާތުން ޢައިޝާއަށް އެދެނީ އަބަދުވެސް ކާމިޔާބީއަށެވެ.