މަސްވެރިންނަށް ވަގުތުން ވަގުތައް ފައިސާ ނުދެވޭނަމަ މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް އިސްތިއުފާ ދޭންޖެހޭނެ ކަމަށް އައްޑޫގެ މަސްވެރިން ބުނެފިއެވެ.
އައްޑޫގެ ހުޅުދޫގައި މިވަގުތު ކުރަމުންގެންދާ އިހުތިޖާޖްގައި މަސްވެރިން އަންނަނީ މަސްވެރިންނަށް ސީދާ ޖަވާބެއް ދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ފިނި ކޮޓަރީގައި ތިބެގެން ވެސް މަގާމުގެ ފުރިހަމަ ޒިންމާ އަދާކުރުމަށް މިނިސްޓާރ ޝިޔާމަށް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.
މަސްވެރިންގެ ހައްގު ފައިސާ ނުދެވި އުޅެވޭ ސަބަބު ހާމަކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން ތިބީ ފިނި ކޮޓަރީގައި ފިލާކަމަށް ވެސް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މަސްވެރިންގެ ދަރިންގެ ސްކޫލު ފީ ނުދެއްކި ދަތި ހާލުގައި އުޅެން ޖެހެނީ ވެސް ސަރުކާރުން ފައިސާ ނުދޭތީ ކަމަށް ބުނެ މަސްވެރިން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
މަސްވެރިންގެ އަޑު އެންމެ ފަހަރަކު އަހާލަން ވެރިޔަކު ވަޑައިނުގަންނަވާކަމަށާއި މަސްވެރިންގެ ފައިސާއަށްވީ ހިޔާނާތްތެރިކަމަށް ވެސް މަސްވެރިން އަންނަނީ ބުނަމުންނެވެ.