

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ގެނައީ މަސްވެރިންނަށް ފައިސާ ނުދިނުމުން ކޮންމެ ފަހަރަކު އާދޭސް ކުރާކަށް ނޫން ކަމަށް އައްޑޫގެ މަސްވެރިން ބުނެފިއެވެ.
އައްޑޫ ސިޓީގެ ހުޅުދޫގައި ކުރިޔަށް ގެންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން މަސްވެރިއެއް ވަނީ ވަގުތުން ވަގުތައް ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދޭތީ އެއީ ވަރަށް ދެރަކަމެއް ކަމަށް ބުނެފައެެވެ.
ފައިސާ ނުދޭ ކޮންމެ ފަހަރަކު އާދޭސް ކޮށްގެން ފައިސާ ހޯދަން ގެނައި ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރު ގެނައީ ވަރަށް ބޮޑެތި އުންމީދުތަކާއި އެކުގައި ކަމަށް އެ މަސްވެރިޔާ ވަނީ ބުނެފައެވެ.
މަސްވެރިން އައްޑޫގައި އިހުތިޖާޖް ކުރަމުންގެންދާއިރު އެ މަސްވެރިންނާ ވަކާލާތު ކޮށްލާނެ ވަރުގެ ވެރިޔަކު ވެސް ނެތް ކަމުން ދޭހަވަނީ ސަރުކާރުން މަސްވެރިންނާ ދޭތެރޭ އިހާނަތިކޮށް ކަންތައް ކުރާކަން ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
އަދި މިއަދު ކުރިޔަށް ގެންދާ އިހުތިޖާޖަކީ އެއްވެސް ހާލަތެއްގައި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ކުރިޔަށްގެންދާ އިހުތިޖާޖެއް ނޫންކަމަށާއި މި އިހުތިޖާޖް ކުރިޔަށް މި ގެންދަނީ ހައްގު ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް މުޒާހަރާ ކުރަމުން ދިޔަ މަސްވެރިން ވަނީ ބުނެފައެވެ.