
އިޒްރޭލް ޕާސްޕޯޓް މަނާކުރުމާއި ދެކޮޅަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދެއްކެވެމުން ގާސިމްގެ ވިޔަފާރިތައް ކަމަށްވާ ވިލާ ބްރޭންޑް ބޮއިކޮޓް ކުރުމަށް ރޭ ވެސް ދިވެހިން ގޮވާލައިފިއެވެ.
ޕީއެސްއެމް ކުރިމަތީ ހުންނަ ގާސިމްގެ "ވިލާ މާޓް" ކުރިމަތީ އާންމުން ވަނީ އިހުތިޖާޖްކޮށްފައެވެ.
އެގޮތުން ރޭ ކުރިއަށް ގެންގޮސްފައިވާ އެއްވުމެއްގައި ސިޔާސީ މަންފާއަށް އަމިއްލަ އެދުން އިސްކޮށް ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް އެއްފަރާތްކޮށް ވާހަކަދައްކާ ފަރާތްތަކަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް މި އެއްވުމުގައި ގޮވާލާފައިވެއެވެ.
ވިލާ ކުންފުނީގެ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ބޯޑުތަކެއް ހިފައިގެން މި އެއްވުމުގެ ބައިވެރިން ހަރަކާތްތެރިވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައި، ފަލަސްތީނުގައި އިޒްރޭލުން ގަތުލުއާންމެއް ހިންގާތީ އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް ބަހުސްކުރަމުން ގާސިމް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މާނައަކީ ޔަހޫދީންނަށް ރާއްޖެއަށް އތެރެ ނުވެވޭނެހެން ގާނޫނެއް ފާސްކުރުން ކަމަށާ އެއީވެސް ﷲ ސުބުހާނަހޫ ވަތއާލާ ބާވާލެއްވި ދީނެއްގެ އަހުލުވެރިން ކަމަށެވެ.










