ދިވެހީންގެ ރާއްޖެއަކީ ދިވެހީން ނުހަނު ފޮނި އުއްމީދާއެކު ގެނައި ރާއްޖެއެކެވެ. ޖަޒީރާ ރާއްޖެ ކޮރަޕްޝަން އިން ފުރި ނުކަތާވަރަށް ދައުލަތުގެ ކަންކަން ގޮސްފައިވަނިކޮށް ރައްޔިތުންގެ ބާރުން ގެނައި ވެރިކަމުގެ ހާލަތު ނަމަވެސް މިއަދު އޮތީ ކިހިނެތްތޯ މިއީ ފެންނަ މަންޒަރުތަކުން އުފައްދަން ޖެހޭ ސުވާލެކެވެ.
ފާއިތުވި ދެތިން ދުވަހު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ މާލޭގެ ބައިނަލްއަގްވާމީ ކޮމާޝަލް ބަނދަރު ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ނުހަނު ބޮޑެތި ގެެއްލުންތަކެއް ވެދާނެ ފަދަ ގޮތަކަށް ދޫކޮށްލަން އުޅޭ ވާހަކައަށެވެ.
އެގޮތުން ފިލިޕިންސްއަށް ނިސްބަތްވާ ކުންފުންޏެއްކަމަށްވާ އިންޓަރނޭޝަނަލް ކޮންޓެއިނަރ ޓާރމިނަލް ސާވިސަސް، އިންކް، އައިސީޓީއެސްއައި އަށް ތިލަފުށީގައި ގާއިމުކުރުމަސް ނިންމާފައިވާ މާލޭ ޕޯޓު ދޫކޮށްލަން އުޅޭކަން ވަނީ ހާމަވެފައެވެ.
އެ ކުންފުންޏާއެކު ރާއްޖޭ ސަރުކާރުން ހަދާފައިވާ އެމްއޯޔޫގައި ބުނާ ގޮތުން އެމްއޯޔޫ ބާތިލުކުރި ނަމަވެސް ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ދައްކަން މަޖުބޫރުވާނެއެވެ. މިފަދަ ގޮތަކަށް ބަނދަރު ދޫކޮށްލުމަކީ ތަކެތީގެ އަގު އިންތިހާއަށް އަރައިގެން ގޮސް ރައްޔިތުންނަށް އަތް ނުފޯރާ ފަށަށް އަގުތައް ދާން މެދުވެރިވާނެ ކަމަކަށް ވާނެއެވެ. ދިވެހިންނަށް ވާން ވަރުކަންކަން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަކަށް ބޭރުގެ ބަޔަކަށް މި ދޫކޮށްލަނީއެވެ. ކަންކަން މިހެން ހުރިއިރު މިއީ ކޮރަޕްޝަނާ ވައްކާމާ ފަސާދައިން ގައުމު ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ވާސިލުކުރަން ދިވެހީން ގެނައި ސަރުކާރެކެވެ.
ނަމަވެސް މިއަދުގެ ހިތާމައަކީ ކޮރަޕްޓު ނުވާ އެއްްވެސް ދިމާއެއް ނުފެނުމެވެ. ވަޒީފާއެއް ދިނަސް ކޮރަޕްޝަނެވެ. ޕްރޮޖެކުޓެއް ދޫކޮށްލިޔަސް ކޮރަޕްޝަނެވެ. އިވެންޓެއް ބޭއްވިއަސް ކޮރަޕްޝަނެވެ.
މި ދުވަސްކޮޅު އެންމެ ބާރަށް ދައްކަން މި ޖެހެނީ އެމްޕީއެލްގެ ކޮރަޕްޝަންގެ ވާހަކައެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މަގާމާ ހަވާލުވިފަހުން ކޮރަޕްޝަންގެ އެތައް އަމަލެއް އެމްޕީއެލްގެ ތެރޭގައި އަންނަނީ ހިންގަމުންނެވެ. އެމްޕީއެލްގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އަމިއްލަ ވިޔަފާރި ކުރުމާއި ކުންފުނީގެ ލާރިން އެންމެ ފަހުގެ ފޯނު ގަތުން ފަދަ އެތައް ކަމެއް މިވީ ހައެއްކަ މަސް ތެރޭ ކޮށްފައިވެއެވެ.
އޭގެ އިތުރަށް ދިވެހިރާއްޖޭގައި އިމްޕޯޓް ޑިއުޓީގެ މިންވަރު ކަނޑައެޅުމުގެ ފުރިހަމަ ބާރުވެސް ދިވެހިންގެ އަތުން ނިގުޅައިގަނެ ބޭރު ބައެއްގެ އަތްމައްޗަށްވެސް ފުރޮޅާލުމަށް އޮތީ ތައްޔާރުވެފައެވެ. މިއަދު މިއިން ކަމެއް ބަލާލާނެ މީހެއް، ސުވާލު ކޮށްލާނެ މީހަކު ނެތެވެ. ހުރިހާ ބާރެއް މިއޮތީ އެއް ބަޔަކަށް ދީ ނިންމާފަ އެވެ. ވަގުތީ ފައިދާއަށް ވޯޓު ވިއްކުމުގެ ހިތި މިހާރު މިއޮތީ ފެންނަންށެވެ.
ދީނޭ ވަހުދަތޭ ގައުމިއްޔަތޭ ކިޔާ ކެމްޕޭން ކުރުމަށް ފަހު ވެރިކަމަށް އައިސް އަހަރެއް ނުވެ، ބަލަ ބަލާ ތިއްބާ މިއޮއް ވިއްކާލީ ގައުމުގެ މައި ބަނދަރެވެ. އޭ މިހަރަ ދިދައޭ ތިޔަ ދިދައެއް މިއަދުން ފެށިގެން އިރުއޮއްސުން ނިމުމަކަށް އައީއޭ ބުނެ އިރު އެރުމުން ތިޔަ ވީ އެ ދިދައަށް ގައްދާރެވެ.
ބާނަ ބާނާ ތިއްބާ ކަނޑު ވިއްކާލީއޭ ގޮވަމުން އައިސް ބަލަ ބަލާ ތިއްބާ ތިޔަ ވިއްކާލީ ބަނދަރެވެ. ގައުމުގެ ހަރު މުދާ ވިއްކާ ނުލާ ވެރިކަން ކުރުމުގެ ގާބިލުކަން ހަމަނެތީއެވެ. ނަން ވާނީ ނަމަވެސް އެމްޑީޕީއެވެ.