
ޓެކްނިކަލް މައްސަލައެއް ދިމާވުމުން މޯލްޑިވިއަންގެ ބޯޓެއް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.
މީސް މީޑިޔާގެ ބައެއް މަންސަތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބޯޓު ޖެއްސީ ބޯޓުގެ އިންޖީނެއްގައި އަލިފާންރޯވެ އިމަރޖެންސީގައި ކަމަށެވެ.
ނަމަވެސް އޭވިއޭޝަން ސެކިއުރިޓީވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެކަމާ ގުޅިގެން އެވިއޭޝަން ސެކިއުރިޓީއިން ހާމަކޮށްފައިވާ ގޮތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަނބުރާ ޖައްސާފައިވަނީ މާލެއިން އިންޑިއާއަށް ދަތުރުކުރި މޯލްޑިވިއަންގެ އެއަރ ބަސް Q2700 ފްލައިޓު ކަމަށެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ އެ ބޯޓު އަނބުރާ މާލެ ޖައްސާފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން ކަމަށާއި، ދިމާވި ސީދާ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަކިއެއްޗެއް އަންގަންދެން ފްލައިޓް ކެންސަލް ކުރެވިފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މި ކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. އަދި މޯލްޑިވިއަންގެ ޓީމުތަކުން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.










