ޕީއެންސީގެ ރައީސް މުއިއްޒު އަދި ޗެއަރ ޕާސަން އަބްދުއްރަހީމު / ސަން އޮންލައިން
ސިޔާސީ
ޕީއެންސީގެ ޕްރައިމަރީގެ ކަންކަމާ ހިތްހަމަ ނުޖެހި އެތައް މެމްބަރުން ޕާޓީ ދޫކުރަން ފަށައިފި
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖެނުއަރީ 2024
މާލެ ސިޓީ

ޕީއެންސީގެ ޕްރައިމަރީގެ ކަންކަމާ ހިތްހަމަ ނުޖެހި އެތައް މެމްބަރުން ޕާޓީ ދޫކުރަން ފަށައިފިއެވެ.

ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީ އިން މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ ތާރީހު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވެއެވެ. އެ ފަސްކުރި ފަސްކުރުމާ އެކު ގިނަ ތުހުމަތުތަކެއް ޕާޓީގެ ލީޑަރޝިޕަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އެކަމުގައި ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެމަނިކުފާނުގެ އެޑްވައިޒަރ އަދި ޕާޓީގެ ޗެއަރ ޕާސަން އަބްދުއްރަހީމު އަބްދުﷲގެ ނުފޫޒު އޮތް ކަމަށް އޭރު އަޑުތައް ގަދަވި ނަމަވެސް އެއްވެސް ރަސްމީ ބަހެއް ލިބިފައިނުވެއެވެ.

އެގޮތުން ދާދި ފަހުންވެސް ޕްރައިމަރީ ފަސްކޮށް އިއުލާން ނެރެފައިވަނިކޮށް ޕީއެންސީއިން ވަނީ އާދިއްތަ ދުވަހު ބައެއް ފަރާތްތަކަށް ނަން އަނބުރާ ނެގުމަށް އަންގާ ސިޓީތަކެއް ފޮނުވާފައެވެ. އެގޮތުން 40 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެ ސިޓީ ފޮނުވާފައެވެ. ސިޓީގައި ސޮއިކޮށްފައިވަނީ ޕާޓީގެ ޗެއަރ ޕާސަން އަބްދުއްރަހީމުއެވެ. ސިޓީގައި ނަން އަނބުރާ ނެގުމަށް ނުވަތަ ޕްރައިމަރީގައި ވާދަކުރުމަށް ނިކުންނަ ފަރާތްތަކުގެ ކެންޑިޑޭންސީ ބާތިލުކުރީ ޕާޓީއަށް ހިދުމަތްކޮށްދީފައިނުވާ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިހުތިޖާޖުކުރަމުންދާއިރު. ރ. ދުވާފަރުން ޗެނަލް13އާ ވާހަކަ ދައްކަވަމުން އިބްރާހިމު ނަސީރު ވިދާޅުވީ އެ ދާއިރާގެ ގޮނޑި ތަބަކަކަށް ލާފައި ދުވާފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަލީއަށް ދިނުން ބަލައި ނުގަވޭ ކަމަށާ އެއީ މުހައްމަދު އަލީއަކީ 2019ގެ މަޖިލިސް އިންތިހާބުން ބަލިވުމުން ޕީޕީއެމްއާ ފެއަށް ދިޔަ ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި މުހައްމަދު އަލީއަށް ވުރެ ގިނަ މަސައްކަތް ޕާޓީއަށް ކޮށްދިން ފަރާތްތައް ތިއްބާ މުހައްމަދު އަލީއަށް ޓިކެޓު ދިނުމަކީ އިންސާފުވެރި ގޮތް ނޫންކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އޭގެ ސަބަބުން ޕީޕީއެމް ޕިއެންސީއާ ފެއަށް ޖެހި އެތައް މެމްބަރުން ރައީސް އަބްދުﷲ ޔާމީންގެ ޕާޓިއާ ގުޅޭނެކަމަށެވެ.

ރިޔާސީ އިންތިހާބުގައި މުހައްމަދު އަލީއަށް ވުރެ މާ ގިނަ މާ ބުރަ މަސައްކަތް ކުރި ފަރާތްތައް އެބަ ތިބި. އެކަމަކު އަދުރެޭއާ މުއިއްޒު ބޭނުންވީމާ އެމީހުން ބޭނުންވާ ޖަރީމަތައް ހިންގަން މުހައްމަދު އަލީ ލައްވާ ޕީޕިއެމް މެމްބަރުން ޕީއެންސީއަށް ބަދަލުކުރުވާ ޕްރައިމަރީގައި ވޯޓުދޭންށޭ ކިޔާ ހިންގީ ޖަރީމާ. އަހަރުމެން ވޯޓު ދިނީ ރައީސް ޔާމީން މިނިވަންކުރަން. އެކމަެއް ވެސް ނުވި. އެހެންވީމާ ދެން ދުވަފަރުގައި ޕީޕީއެމް ޕިއެންސީ މެމްބަރުންނެއް ނުތިބޭނެ. އަހަރުމެން ދެން ދާނީ ރައީސް ޔާމީން ޕާޓީއަށް. ބޭނުންހާ އެއްޗެއް ނުހެދޭނެ. ވަރަށް އަވަހަށް ދުވާފަރު ކައުންސިލްގެ މެޖޯރިޓީވެސް ސަރުކާރަސް ގެއްލޭނެ. ބަލަން ތިބޭތި.

- ނަސީރު

ޕީއެންސީގެ ޕްރައިމަރީގައި ވަކި ބަޔަަކަށް ޓިކެޓު ދޭން މާކުރިންވެސް ނިންމާފައިވާކަމުގެ އަޑުތައް ގަދަވި ނަމަވެސް އެކަން އެ ޕާޓީއިން އޭރު ދޮގުކުރިއެވެ. އަދި ބުނެފައިވަނީ ޕްރައިމަރީއަށް ވާދަކުރަން ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ކުރިން ބުނި އެތި ކެންސަލްވެގެން އުޅޭ ސަބަބެއް އޮޅުން ފިލުވުމަށް ޕީއެންސީގެ ސްޕޯކްސް ޕާސަން ފާތިމަތު ތައުފީގަށް ގުޅާލުމުން ފޯނު ބިޒީކޮށްލުމަށްފަހު ފަހުން ވެސް ޖަވާބެއް ދީފައިނުވެއެވެ. މީގެ އިތުރުން ޕީއެންސީގެ ރަޖިސްޓްރާ އަދި ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ މުހައްމަދު އަފޫ ހާމިދަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވެއެވެ.

ޕީއެންސީގެ އެތެރޭގައި ވަކި ބައެއްގެ ނުފޫޒު ގަދަވެ ގްރާސްރޫޓު ހިތްހަމަ ނުޖެހިގެން އުޅޭއިރު ސަރުކާރަށް އަދި މާ ގިނަ ދުވަސްތަކެއް ނުވާކަން ފާހަގަކޮށްލެވެެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved