ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ކިޔައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ހާޒިރުވެވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުވެސް ކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނަށް ދައުވަތު ދެއްވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާލާސްކަންފުޅާ އުޅުއްވާތީކަމަށް ވިދާޅުވެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވީކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ފިނޭންސް މިނިސްޓްރީން ލިޔުމުން ހުށަހަޅާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ މީގެކުރިންވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން އެދިވަޑައިގެންފައެވެ. އެހެންވެ، މިނިސްޓްރީގެ ލިޔުންތައް ކޮމިޓީގައި މަޝްވަރާކުރުމަށް ބައްދަލުވުން ސިއްރު ކުރަން ކޮމިޓީއަށް ހުށަހެޅިއެވެ. އަދި އެކަމަށް ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ކޮމިޓީ ސިއްރު ކުރަން ނިންމައިފައެވެ.
ދިވެހިރާއްޖޭގެ މާލީ ހާލަތު މަޖިލިހުގެ ކޮމިޓީއަށް އޮޅުން ފިލުއްވައި ދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމެވެ.
ނާޒިމް ވަނީ ގައުމުގެ ހާލަތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާ ހިތި ބޭސް ބޯން ޖެހޭ ނަމަ އެކަމަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.