ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ވާނަމަ މަސްވެރިންގެ ހައްގު ފައިސާ ދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ގޮވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްވެރިން ސަރުކާރަށް އާދޭސް ކުރަނީ އެމީހުންނަށް އެއްޗެއްް ދޭށޭ ކިޔާފައި ނޫންކަމަށާއި އެމީހުން ގޮވާލަމުން އެ ދަނީ އެ މީހުން ބޭނި މަހުގެ އަގު ދިނުމަށްކަމަށެވެ.
ބަޔަކު އެމީހުން ކުރި މަސައްކަތުގެ އުޖޫރަ ދިނުމަށް ގޮވާލީމާ ސަރުކާރުން ހިތް ނުތަނަވަސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.
ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވާހަކަފުޅުން ނަމަ، މަސްވެރިކަމަކީ ދިވެހީންގެ ލޭ ނާރު ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަސްވެރިން ރާއްޖޭގައި ތިބެން އެބަ ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މަސްވެރިން ފައިސާ ނުދީގެން މުޒާހަރާ ކުރީމާ، ސަރުކާރުން އެމީހުން ޖަލަށް ނުލަމޭ ބުނުމަކުން ނުފުދޭކަމަށާއި ފުދޭނީ އެ މަސްވެރިންގެ ހައްގު ފައިސާ ދެއްކީމާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.
މަސްވެރިންނަކީ އެންމެ ބުރަކޮށް މަސައްކަތް ކުރާ މީހުން ކަމަށް ފާހަގަކުރައްވާ، ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ވާނަމަ މަސްވެރިންގެ ހައްގު ފައިސާ ދެއްކުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.
މަސްވެރިން މުޒާހަރާ ކުރާނެ، ނުފުދޭ އަދި މުޒާހަރާ ކުރާ މީހުން ތިމަންނާމެން ޖަލަށް ނުލަމޭ ބުނުމަކުން. އެ ފައިސާ ދައްކާ ސަރުކާރުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް އޮތިއްޔާ.
މިއަދު ސަރުކާރު ކުންފުނިތަކުގައި ތިއްބަވާ ފަރާތްތަކަށް ފައިސާ ދިނުމަށް ވުރެ މުހިންމީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދިނުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާ އެއްގޮތައް މަސްވެރިންނަށް ފައިސާ ނުދޭތީ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.