ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އަދުގެ ސަރުކާރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ސަރުކާރަށް ގޮވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައި ތިބި ބޭފުޅުންނަކީ ވެރިކަމަށް އަައުމުގެ ކުރިން ކުރީ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ ވާހަކަ ދެއްކެވި ބޭފުޅުން ކަމަށާއި މިހާރު އެކަންކަން ބަލައި ނުވަތަ ހައްލު ކުރަން މަސައްކަތް ކުރާ މަންޒަރެއް ނުފެންނަކަމަށެވެ.
އިދިކޮޅުގައި އެ ޕާޓީގެ ބޭފުޅުން ތިބިއިރު ރައީސް ސޯލިހުގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ވާހަކަތައް ދައްކަން އުނދަގުލެއް ނުވި ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުގެ އިސްފަޑިއަށް އެ ވާހަކަތައް ދައްކަވަން ވަނީ އުނދަގޫވެފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ގައުމީ ބޮޑެތި މައްސަލަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކަމާއި އެކީ ވެރިކަން ކުރާ ކަމަށް ވަންޏާ މިސާލު ދައްކައިގެން ވެރިކަން ކުރަން ވާނީ. އެހެން ވެއްޖެއްޔާ އެއީ ކުރަން ޖެހޭ ކަމެއް އެއީ، ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަން ހިންގާފައި ހުރިއްޔާ އެއީ ރައްޔިތުންގެ ފައިސާއޭ. އެއީ ވަކި މީހެއްގެ ފައިސާއެއް ނޫން. އެ ފައިސާ ހޯދަން މަސައްކަތް ކުރަން ވާނެ
މީގެ ކުރިން ވެސް ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާތަކުގައި ރައީސް ޔާމީން ވަނީ ނިމިދިޔަ ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ސަރުކާރަށް ގޮވާލާފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ކުރީ ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ބަލާނެ ކަމަށް ބުނުމަށްފަހުއެވެ.
ނަމަވެސް ވެރިކަމަށް އައުމަށްފަހު އެެއްވެސް މައްސަލައެއް މިހާތަނަށް ބަލަން ފަށާފައިނުވެއެވެ.