ހައްޖު ކޯޕަރޭޝަންގެ އެހީގައި މިއަހަރު ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިންވެސް ވެކްސިން ފުރިހަމަކުރިކަމަށް ހައްޖު ކޯޕަރޭޝަންއިން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނީގެ ހަވާލުގައި ހައްޖުގެ މާތް އެޅުކަން އަދާ ކުރަން ސައުދި އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިންވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވެލް ވެކްސިން ފުރިހަމަ ކޮށްފައި ކަމަށެވެ.
ނޫސް ބަޔާން: 1445 ވަނަ އަހަރު މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް އައި ހުރިހާ ޙައްޖުވެރިން އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން. pic.twitter.com/oLD8LdDEMr
— Maldives Hajj Corporation Limited (@Hajjcorporation) June 25, 2024
އެގޮތުން، ހައްޖަށް ފުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ހުރިހާ ހައްޖާޖީންވެސް ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ އާއި މެނިންޖައިޓިސް އަދި އިންފްލެންޒާ ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް އެ ކޯޕަރޭޝަންއިން ބުނެފައި ވެއެވެ.
އެ ކޯޕަރޭޝަންއިން މިކަން ހާމަކޮށްފައިވަނީ، މިއަހަރު ހައްޖަށްދިޔަ، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެންނެވެ. އެގިފައިވާ ގޮތުގައި ބަކާ ނިޔާވީ މެނިންގޮކޯކޮލް ބަލީގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބަކާ މެނިންގޮކޯކޮލްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މިއަދު މެންދުރުފަހު އޭނާގެ ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ.