މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ބަލައި ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފިއެވެ.
މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފައެވެ. އަދި އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ރިޔާސަތުން މިއަދު ވަނީ މި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައެވެ.
މަގާމުން ވަކިކުރަން ލަފާ ދޭން މާލިއްޔަތު ކޮމިޓީން ފާސްކުރީ ގައުމުގެ އިގުތިސޯދު މި ހާލަތަށް ވެއްޓުނީ ގަވަރުނަރަށް ޒިންމާ އަދާނުކުރެވޭތީ ކަމަށް ދެކޭތީ އެވެ.
އެގޮތުން މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާ ކަމަށެވެ.
އެގޮތުން ނާޒިމް ވަނީ 3 ކަމެއް ފާހަގަކުރައްވާފައެވެ.
އެއީ:
ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓާ، ބޭންކުތަކުގެ ރިޒާާވް، އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއެޅުުއްވުން
ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަމުން ގެންދަނީ ޑޮމެސްޓިކް މާކެޓްއިން ކަމުން ޑޮމެސްޓިކް މާކެޓް ރެގިއުލޭޓުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތަން ނުފެނުން
ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަދާ ހަމަ ނޫން މައްސަލަ ފާހަގަކުރެވޭތީ
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން، ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ހާޝިމަކީ ނިމިދިޔަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ސެޕްޓެމްބަރު 8، 2019ގައެވެ.
އިގްތިޞާދީ ގޮތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ވެރިކަމަށް އަައުމަށްފަހު 7 މަސްވެގެން ދިޔައިރު ރާއްޖޭގެ އިގްތިޞާދީ ހާލަތު ދަށަށް ވައްޓާލައިފައިވަނީ މި ސަރުކާރުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އެގޮތުން އެއްވެސް ހައްދެއް ނެތި ސިޔާސީ މުވައްޒަފުން އައްޔަންކޮށް މުސާރަ ދިނުމާއި ބޭރުގެ ގައުމުތަކަށް ވަޑައިގެން މިލިއަނުން ހަރަދު ކުރުން ހިމެނެއެވެ. އަދި އެކި އެކި ރަސްމިއްޔާތުތަކަށް ވެސް ބޮޑެތި ކަރަދުތައް ކޮށްފައިވެއެވެ.