ރައްޔިތުންގެ މަޖިލީހުގެ މުސާރަ ކުޑަކުރުމާ ދެ މެމްބަރަކު ދެކޮޅުކަން ހާމަވެއްޖެއެވެ.
ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ މަގާމުތަކަށްދޭ މުސާރަ އާއި އިނާޔަތްތަކާ އަޅައި ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވަނީ ވިދާޅުވެފައެވެ.
މި ދެ މެމްބަރުންވެސް މުސާރަ ކުޑަ ކުރުމާ ދެކޮޅަށް ވާހަަކަ ދެއްކެވީ މަޖިލީސް މެންބަރުންގެ އަދަދު ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ އައުމަށް ނިމުމެއް ގެނެސް، މެންބަރުންގެ އަދަދު މަދުކުރަން މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
އެ ގަރާރަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް މެންބަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފައެވެ. އެކަމަކު، އޭރު އޮތް އެމްޑީޕީގެ ސުޕަމެޖޯރިޓީން އެ ހުށަހެޅުން ބޭރުކޮށްލިކަން ފާހަގަކުރައްވައި ގާސިމް ވަނީ މި ސަރުކާރު ތަމުސީލުކުރާ ޕީއެންސީގެ ފަރާތުން މެންބަރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މެންބަރުންގެ އަދަދު މަދުކުރި ނަމަވެސް މެންބަރުންނަށް މިހާރު ލިބޭ ބޮޑު މުސާރަ ކުޑަކުރަން ވިޔަފާރިވެރިޔާ ގާސިމް ވަނީ ދެކޮޅު ހައްދަވައިފައެވެ.
މީގެ އިތުރުން، ގާސިމްވަނީ އެކަކަށް މެންބަރުކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރުގައި ކަމަށް ކަނޑައެޅުމާ ވެސް ދެކޮޅު ހަދާފައެވެ. އޭނާ ވިދާޅުވީ، އެއީ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.
ގަރާރުގެ ބަހުސްގައި ޝުޖާއު ފާހަގަކުރެއްވީ ސިޓީ ކައުންސިލަރެއްގެ މުސާރައާއި މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައިގައި ނިސްބަތުން މާބޮޑު ފަރަގެއް ނެތް ކަމެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ވާހަކަ އަކީ ރައްޔިތުންގެ ތެރޭގައި އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ ކަމަށެވެ. އަދި އެކަން އޭނާ ޖާމިނުކުރީ މަޖިލިސް މެމްބަރުންނަށް އޮންނަ ޒިންމާއާއެވެ.
މަޖިލިސް މެމްބަރުންގެ ގޮތުގައި ތިބި މި ދެ ވިޔަފާރިވެރިން މިގޮތަށް މަޖިލިސް ތަޅުމުގައި ވާހަކަދައްކަވާފައިވާއިރު، މެމްބަރުންގެ މުސާރަތައް މާ ބޮޑު ކަމަށް ބުނެ އާންމުން ކަންބޮޑުވެ، ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގައި މިހާރު ބަހުސްކުރެވެމުންދާ ގަރާރު ހުށަހެޅުނު އެއް ސަބަބަކީ ވެސް މިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކެވެ.
މީގެ އިތުރުން ދައުލަތުގެ ޚަރަދު ކުރަން ޖެހިފައިވާކަމަށް މާލީ އިދާރާތކުން ބުނަމުންދާއިރު އެކަމުގައި މަޖިލީހުން މިސާލު ދެއްކުން ކިއްތޯ ވެސް ގިނަ ބަޔަކު ގެންދަނީ ސުވާލުކުރަމުންނެވެ.