ރިޔާސީ އިންިތހާޞުބުގެ ތެރޭގައި ރައްޔިތުންނަށް އެތައް ވައުދެއްވެގެން ވެރިކަމަށް އައުމަށް ފަހު އެ ވައުދުތައް ނުފުއްދާ ބަހަނާދައްކަމުންދާތީ، ޕީއެންއެފްގެ މެމްބަރު ހަލީމަތު ޒުހެއިރާގެ ނުރުހުން ސަރުކާރަށާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށްފިއެވެ.
ހަލީމަތުގެ ނުރުހުން އަމާޒުކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ހަމީލަތު ވަނީ ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ވާހަކަ ދެއްކެވުމުގެ ބަދަލުގައި ސަރުކާރަށް ސަނާ ކިޔަމުން ދާތީ އެކަމަށް ފާޑުކިޔާފައެވެ.
އެގޮތުން ވެރިކަމަށް އައީ ކުރީ ސަރުކާރުން ހޭވި ހަޑި ބަލާ އެކަންކަން ތަހުގީގުކުރާނެ ކަމުގެ ވައުދާއެކު ކަމަށާ ނަމަވެސް މަޖިލިސް ލިބުމުންވެސް އެމްޑީޕީއިން ހިންގި ޖަރީމާތައް ބަލާ ފިޔަވަޅު އެޅިއްޖެތި އަހާ ހަލީމަތުވަނީ ސުވާލެއް ކޮށްފައެވެ.
އެހެންކަމުން އެމްޑީޕީއިން ހިންގި ޖަރީމާތައް ނުބަލާ ތިބެ އަޑު ގަދަކުރިއަށް ނުފުދޭނެ ކަމަށާ މިހާރުވެސް ސަރުކާރު ތެރެއިން ހިންގަމުން ދާ ފައިސާގެ ޖަރީމަތައް ބަލާ ތަހުގީގުކުރަން ޖެހޭ ކަމަށްވެސް ހަލީމަތު ހާމަކުރިއެވެ.
އެހެނީ އެއީ ދިމްޔާތު ބިންގަރާހުންނާ ހައްދުންމަތީ ފޮނަދޫގެ ފަޅުތެރެއަށް ލައްގާ ފައިސާ ނޫންކަމަށް ބުނެ ހަލީމަތުގެ ފާޑުކިޔުން ސަރުކާރުގެ އެންމެ އިސް ބޭފުޅުންނަށްވެސް އަމާޒުކުރައްވާފައިވެއެވެ.
ޕީއެންސީ މެމްބަރުންނަކީ ރައްޔިތުންގެ މެމްބަރުންނޭ ބުނެ އަޑު ހަރުކުރަމުން އައި މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބިއިރު ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ނުދައްކާ ރައީސް މުހައްމަދު މުއިއްޒަށް ސަނާ ކިއުމުގައާ ކުރީ ސަރުކާރުގެ ވާހަކަ ދެއްކުމުގައި މަޖިލީހުގެ ވަގުތުތައް ހުސްކުރާ ސަބަބާ މެދުވެސް ހަލީމަތު ވަނީ ސުވާލު އުފައްދާފައެވެ.