
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނަވާ އަދުގެ ރައީސް، ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަން ހިންގި ކަމުގެ ވާހަކަތަކެއް ފެންމަތިވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން، ސަސްޕެންޝަންގައި ގޭގައި ހުންނަވާ އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ނަންގަވާ ޔޫތް މިނިސްޓްރީގެ ނައިބު ވަޒީރު މަރިޔަމް ޝިއުނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ކުރީގެ ކައުންސިލަރ އަދި އެންވަޔަރްމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓާރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްގެން އެއުޅެނީ ސިހުރުގެ ތުހުމަތެއްގައި ނޫންކަމަށާއި ބޮޑަށް ބެލެވެނީ ސިޓީ ކައުންސިލް ތެރޭގައި ރައީސް މުއިއްޒު ހިންގެވި ކޮރަޕްޝަންގެ މައުލޫމާތު ހިމެނޭ "ޕެން ޑްރައިވް" އެއް ހޯދަން ކަމަށް ރައީސް ޔާމީން ވަނީ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ދިޔަ ޖަލްސާގައި ވިދާޅުވެފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވުމުން ޝިއުނާ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ރައީސް ޔާމީން އަކީ މީހުން ފްރޭމް ކުރުމުގައި މޭސްތިރިޔެއް ކަމަށް ތުހުމަތުކުރައްވާފައެވެ.
ޝިއުނާ މިފަދައިން އެކްސްގައި ޕޯސްޓް ކުރައްވާ ދިފާއުގައި ނިކުތުމުން ދޭހަވެގެންދަނީ ސިޓީ ކައުންސިލް ތެރޭގައި ކޮރަޕްޝަން ހިންގެވި އިރު އެކަމުގެ މައުލޫމާތު ޝިއުނާއަށް ވެސް ލިބިފައިވާހެންނެވެ. އެއީ ޝިއުނާ އަކީ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ސްޕޯކްސްޕާސަންއެވެ. އަދި ޝިއުނާ ވަނީ ރައީސް މުއިއްޒާ ވަރަށް އަރިހުން މަސައްކަތް ވެސް ކުރައްވާފައެވެ.
މިވަގުތު ސަަސްޕެންޝަންގައި ހުންނެވި ނަމަވެސް ޝިއުނާ އެ މަގާމުން މިއޮށްހާ ދުވަހު ވަކިނުކޮށް މަސައްކަތެއް ނުކުރި ނަމަވެސް މުސާރަ ދެއްވަމުން އެ ގެންދަވަނީ ޝިއުނާގެ ފަރާތުން ރައީސް މުއިއްޒުގެ ހަގީގަތް ރައްޔިތުންނާ ހަމަޔަށް ހާމަވެދާނެތީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޝިއުނާ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބެ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވަމުން ގެންދަވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކޮށް ޝިއުނާ މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.










