ބޭން ޕާސްޕޯޓް / ސޯޝަލް މީޑިއާ
ހަބަރު
ސަހްޔޫނީންނަށް ހުރަހެއް ނެތި އަދިވެސް ރާއްޖެ ވަދެވޭ!
Aminath Zara
އައިމިނަތު ޒާރާ
06 ޖުލައި 2024
މާލެ ސިޓީ

2023 އޮކްޓޯބަރ 07 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓުމެއްނެތި ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ދިފާއުގައި ދިވެހިން ދަނީ އަދިވެސް އަޑުއުފުލަމުންނެވެ.

ފަލަސްތީނުގެ ދިފާއުގައި ރާއްޖޭގެ ސަރުކާރުގެ ސްޓޭންޑް ހާމަކޮށްފައިވީނަމަވެސް މި ހަނގުރާމައަށް 272 ދުވަސް މިއަދަށް ވެފައިވާއިރު ސަރުކާރުން ފަލަސްތީނުގެ ދިފާއުގައި ކޮށްފައިވާ ކަމެއް ނެތެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރާނެ ކަމަށް ބުނެ ބައިނަލްއަގްވާމީ ފެންވަރުގައި ހެޑްލައިންތައް ކިތަންމެ ވަރަކަށްވެސް ހަދައިފިއެވެ. ރާއްޖޭއިން ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާކަން ދައްކަން ވަަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް ފެނިގެން ދަނީ ބަހާއި އަމަލާއި ދިމާނުވާ މަންޒަރެވެ. ބާރު އޮވެމެ، ފިޔަވަޅު ނެގެން ފުރުސަތު ލިބިމެ ދައުލަތުގެ އެކި ބާރުތަކުގެ ބޮލަށް ފިޔަވަޅު ނެގުމަށް ބޮލަށް ޖަހާ ތަނެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކޮށް، އިޒްރޭލަށް ވާގިވެރިވާ ގައުމުތަކާއި ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ދިވެހި ރައްޔިތުން ދަނީ ކެނޑިނޭޅި އާދޭސް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ މި އާދޭސްތަކަށް ބީރު ކަންފަތެއްދީ އެމެރިކާ ފަދަ އިޒްރޭލަށް ވާގިވެރިވާ ގައުމުތަކާއި އިހުނަށްވުރެ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބަދަލުގައި އެ ގައުމުގެ ފަތުރުވެރިން އަދިވެސް އަންނަނީ ހުރަހެއް ނެތި ރާއްޖެއަށް އެތެރެވަމުންނެވެ. މީގެ އިތުރުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމާއި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރަށް ސަނާ ކިޔާ ވިޔަފާރިވެރިން އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

އިސްލާމީ އުއްމަތުގެ ހައްގުގައި ދީނަށްޓަކައި ވެރިކަމަށް އައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނެކަމާއި މެދު ޝައްކެވެ. އެމެރިކާގެ ކޮންމެ އިޝާރާތަކަށް އެނބުރެމުން އަންނަ ދިވެހި ސަރުކާރުން އަދިވެސް އަންނަނީ އެ ގައުމަށް ސަނާ ކިޔަމުންނެވެ. މި މައްސަލައިގައި ދިވެހި ސަރުކާރުގެ ސްޓޭންޑް އަކީ މިއީތޯ ދިވެހި ރައްޔިތުން އަންނަނީ ސުވާލުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved