

2023 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރާ މި އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 47 އިންސައްތަ ދަށަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ މެއި މަހާއި އަޅާ ބަލާއިރު މި އަހަރު މެއި މަހު ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރު މެއި މަހުގެ ނިޔަލަށް 44،730 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާއިރު މި އަހަރު އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،464.8 މެޓްރިކް ޓަނުގެ މަހެވެ.
މިއީ މިދިޔަ އަހަރުުގެ އެ މުއްދަތާއި އަޅާބަލާއިރު 21،266 މެޓްރިކް ޓަނު ދަށް އަދަދެކެވެ. އަދި 47.5 އިންސައްތައިގެ ދަށްވުމެކެވެ.
ބޮޑަށް ބެލެވޭގޮތުގައި މިހެން މި ދިމާވީ މަސްވެރިކަމުގެ ސިނާއަތައް ލޮޅުން އެރުމުންނެވެ. މަސްވެރިން ބާނާ މަހަށް މަސްކިރާފައި ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިން ވަނީ އެތައް ދުވަހެއްވަންދެން އިހުތިޖާޖްކޮށްފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރުން ވަނީ މަސްވެރިން ސިލްސިލާކޮށް އިހުތިޖާޖް ކުރުމުން ފައިސާ ދީފައެވެ.
މަސްވެރިންނަށް ފައިސާ ނުދެވި ލަސްވެގެންދިޔައީ ސަރުކާރުގެ މާލީ ހާލަތު ގޯސްވުމުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.