ކުރީ ސަރުކާރުން ވެރިކަން ކޮށް ނިންމާލީ ޚަރަދު ބޮޑު ޒާތަކަށްށޭ އަދުގެ ސަރުކާރުގެ ވެރިން ވެރިކަމަށް އައުމުގެ ކުރިން ވެސް ދިިޔައީ ކިޔަމުންނެވެ. ވެރިކަމަށް އައުމަށްފަހު ވެސް އަޑަށް ބާރުލައިފައި ބުނަމުން ގެންދަނީ "ކުރީ ސަރުކާރުގެ ޚަރަދުތަކުގެ" ވާހަކައެވެ. ރަނގަޅެވެ. ކުރީ ސަރުކާރުގެ ޚަރަދުތައް ބޮޑެވެ. އެހެންނަމަވެސް އެ ޚަރަދުތައް ކުޑަކޮށް ގައުމު ހިންގަން އައި ވެރިޔާގެ ކަންތައް އަދި މާބޮޑެވެ.
ސަރުކާރުގެ ވުޒާރާތަކަށާއި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން ވައްދަން ފެއްޓެވި ގޮތައް އަދި އަދާ ހަމަޔަށް ވެސް އެކަން ނުހުއްޓައެވެ. ރިޔާސީ ބަޔާން އިއްވި ދުވަހު އެކަން ދެން މި ނިމުނީއޭ ވިދާޅުވެފައި، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ފެއްޓެވީ އެ ކުޅިސަމާއެވެ. ވެރިކަން ކުރާ މައި ޕާޓީ "ޕީއެންސީ" އަށް މަޖިލީހުގެ ސުޕާރ މެޖޯރިޓީ ހޯދައިދިނުމަށެވެ. 700 އަށްވުރެ ސިޔާސީ މަގާމް މަތި ނުކުރައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު އެ ވައުދު ކަފުންކޮށް ވަޅުލައިފިއެވެ. މިއަދު ސަރުކާރަށް ވެސް ސިޔާސީ މަގާމްތަކުގެ އަދަދު ނޭނގެއެވެ. މިހުރިހާ ފަރާތްތަކަށް މުސާރަ ދޭން މި ޖެހެނީ ދައުލަތުގެ މާލިއްޔަތުންނެވެ. ޚަރަދު ބޮޑެއް ނުވާނެތޯ؟
ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިޔާގެ ބޮޑު ވަޒީރަށް ފުރައްސާރަ ކުރި މައްސަލައިގައި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ސަރުކާރުން ސަސްޕެންޑް ކުރިއެވެ. ސަސްޕެންޑް ކުރީ ވަރަށް ވެސް ހެއްވާ ޒާތަކަށެވެ. އާދެ، މުސާރަޔާއި އިނާޔަތް ބަރާބަރަށް ދޭ ގޮތަށެވެ. ރައްޔިތުންގެ ފައިސާ މި ދެނީ ގޭގައި ދެފައި ދަމައިގެން އެއްވެސް މަސައްކަތެއް ނުކޮށް ތިއްބަވާ ފަރާތްތަކަށެވެ. ކޮންމެ ނައިބު ވަޒީރަކަށް މުސާރަ އަދި އިނާޔަތުގެ ގޮތުގައި 31000 ރުފިޔާ ލިބޭއިރު މިހާރުވެސް 5 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަމައެކަނި މި ފަރާތްތަކަށް މި ވަނީ ދީފައެވެ. މިއީ ޚަރަދު ބޮޑު މިންވަރެވެ.
ދެން އަނެއްކާ ސަރުކާރުގެ ރަސްމީ ދަތުރުތަކުގެ ވާހަކަ ދައްކަން ވެސް ހެޔޮނުވާނެއެވެ. އެހާވެސް ޚަރަދު ބޮޑެވެ. ރަސްމީ ދަތުރެއް ކުރައްވާއިރު ހީވަނީ ދިރިއުޅުން އެ ގައުމަކަށް ބަދަލު ކުރައްވަން އުޅުއްވާހެންނެވެ. ރައީސް އޮފީހުގެ ހުރިހާ މިނިސްޓަރުންނާއި އެހެނިހެން ވުޒާރާތަކުގެ ވަޒީރުންވެސް ރައީސް މީހާގެ ފަހަތްޕުޅުގައި ދަތުރުކުރައްވައެވެ. މައްސަލަ އަކީ ދަތުރުކުރެއްވުމެެއް ނޫނެވެ. ދަތުރު ކުރައްވާ ގޮތްތަކެވެ. އެގޮތުން ފަސްޓް ކްލާހުގައި ނޫނަސް ދަތުރުކުރެވެއެވެ. ނަމަވެސް ދަތުރު ކުރަންވަނީ ފަސްޓް ކުލާހުގައެވެ. މިކަން ވެސް މީޑިޔާ އަށް ތިލަވުމުން ވިދާޅުވީ އެކަން އެގޮތައް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ފަހުން ކުރި ދަތުރުތައް ވެސް ކުރެއްވީ ހަމަ އެ ބީދައިންނެވެ.
މިއީ ސަރުކާރުގެ ހާލަތު ހުންނެވި ގޮތެވެ. އެހެންނަމަވެސް ހެއްވާ ވާހަކައެއްް އިނގޭތޯއެވެ. ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަނީ ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެންވެސް ހިފުމަށެވެ. ހައިރާންވެ އަންތަރީސް ނުވާނެތޯ؟ ޚަރަދު ބޮޑީ ނިކަމެތި ރައްޔިތުންތޯ؟ ނުވަތަ ސަރުކާރުތޯ؟ ގައުމުގެ އިގްތިޞާދު ހަރުދަނާވާނެ ކަމަށް ރައްޔިތުންނަށް މި ނަސޭހަތް ދިނުމުގެ ބަދަލުގައި އަމިއްލަފުޅަށް މި ނަސޭހަތުގެ ބޭނުން ހިއްޕެވިއްޔާ ކީއްތޯ؟
ދަންނަވަންތޯއެވެ. ޚަރަދު ބޮޑީ ސަރުކާރުގެއެވެ. ނުކަތާ ވަރަށް ސިޔާސީ މުވައްޒަފުން ގެންގުުޅިފައި ރައްޔިތުންގެ ފައިސާއިން މުސާރަ ދެނީ ސަރުކާރުންނެވެ. ކާމިޔާބީއެއް ފާހަގަކުރަން މިލިއަނުން ޚަރަދުކޮށްގެން ހަވާ އަރުވަނީ ސަރުކާރުންނެވެ. ރަސްމީ ދަތުރުފުޅުގެ ނަމުގައި ޕިކްނިކް ޓީމް ހަދައިގެން ދަތުރު ކުރައްވަނީ ސަރުކާރުންނެވެ. ހިތި ބޭސް ބޯން ޖެހޭނީ އެހެންކަމުން ފުރަތަމަ ސަރުކާރުގެ ވެރިންނެވެ. މިއީ ވަރަށް ވެސް ވާހަކައެވެ.