ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުގެ ދަރަނި 35 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ކުއާޓަރއަކކު އެއް ފަހަރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑުނެ ނެރޭ ދައުލަތުގެ ކުންފުނިތަކު މާލީ ހިސާބުންނެވެ.
ޕީސީބީގެ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ ދަރަންޏަކީ ޖުމްލަ 33.22 ބިލިއަން ރުފިޔާ އެވެ. އެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށްވަނީ 35.03 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެގޮތުން ކުންފުނިތަކުގެ ދަރަނި ބޮޑުވިއިރު އެންމެ ބޮޑަށް ދަރަނި އިތުރުވީ ދަތުރުފަތުރާއި އިމާރާތްކުރުމާއި ގެދޮރުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ދަރަންޏެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް އެ ދާއިރާގެ ކުންފުނިތަކުގެ ދަރަންޏަކީ 1.07 ބިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިތަކުގެ ދަރަނިވަނީ 1.62 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތް ކުންފުންޏަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އެވެ.
އެ ކުންފުނީގެ ދަރަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ އެބައޮތެވެ. ދެވަނައަށް އެންމެ ބޮޑަށް ދަރަނިވެރިވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
ބިލިއަނަކުން މަތީގެ ދަރަނި އޮތް ކުންފުނިތަކުެގ ތަފްސީލަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ:
އެމްއޭސީއެލް: 11.2 ބިލިއަން
އެޗްޑީސީ: 10.03 ބިލިއަން
އެސްޓީއޯ: 3.6 ބިލިއަން
ސްޓެލްކޯ: 2.9 ބިލިއަން
އެފްޑީސީ: 1.6 ބިލިއަން
ޖުމްލަ: 29.8 ބިލިއަން އެވެ.
ޕީސީބީގެ ރިޕޯޓުން ފެންނަ ގޮތުގައި އެޗްޑީސީގެ ދަރަނީގެ ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު 10.03 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެ އެވެ. އޭފެ އިތުރަށް އެސްޓީއޯއިން 3.6 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވެ އެވެ. ސްޓެލްކޯގެ ދަރަނި 2.9 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެ ރިޕޯޓުގައި އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ 11 ކުންފުންޏެއްގެ ދަރަނި 500 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އަދި 16 ކުންފުންޏެއްގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ދަރަނި އޮތްކަމަށް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން މާލީ ހިސާބުތަކަށް ބަލާއިރު ދައުލަަތުގެ ފަސް ކުންފުންޏެއްގެ ދަރަނި ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ. އެ ކުންފުނިތަކުގެ ދަރަނި އެއްކޮށްލުމުން 29.8 ބިލިއަން ރުފިޔާއަށް އަރައެވެ.