18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޭއަދަބީކޮށް ވާހަކަދެއްކެވި އަދުގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ޓުއަރިޒަމް މިނިސްޓަރ އަދި ދަރިކަލުން އިބްރާހިމް ފައިސަލް ނަސޭހަތް ދެއްވައިފިއެވެ.
ޕީއެންސީ ހަރުގޭގައި އޮތް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މަޖިލިސް ޖަލްސާތަކަކީ ކުޑަކުދިން އެ ކުދިންގެ މައިންބަފައިންނާއެކު ބަލާލެވޭ ޖަލްސާތަކަކަށް ވާންޖެހޭކަމަށެވެ.
ފައިސަލް މިފަދައިން ވިދާޅުވެފައިވާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެކި އެކި ޖަލްސާތަކުގައި އަދުރޭ ވަނީ އެކިފަހަރު މަތިން ބޭއަދަބީކޮށް ވާހަކަދައްކަވާފައެވެ.
މަޖިލިސް ޖަލްސާތަކަކަކީ ލައިވްކޮށް ގެނެސްދެވޭ ޖަލްސާތަކަކަށް ވާއިރު އެފަދައިން މަޖިލީހުގައި އުޅުއްވުމުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އޭރުގައި ވެސް އަދުރޭއަށް ވަނީ އަމާޒުވެފައެވެ.
އޭގެއިތުރުން 20 ވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާ ތަމްސީލު ކުރުމަށްޓަކައި އަދުރޭ މަޖިލީހަށް ކުރިމަތިލުމާއެކު ގިނަ ބަޔެއް ވަނީ ފާޑުކިޔާފައެވެ.
އަދި އަދުރޭއަކީ އެއްވެސް އަހުލާގެއް ނެތް ވެރިޔެއްކަމަށާއި އަދުރޭ މަޖިލިސް ރައީސްގެ މަގާމުގައި އިނުމަކީ އެހާ ބަލައިގަންނަން ފަސޭހަކަމެއް ނޫންކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.