ގައުމުގެ މާލީ ހާލަތު މިހާރު އޮތް ހިސާބަށް ވެއްޓުނީ ސަރުކާރުތަލުން މާލީ އިދާރާތަކުގެ އަޑު ނޭހުމުން ކަމަށް ގަވަރުނަރު އަލީ ޙާޝީމް ވިދާޅުވެއްޖެއެވެ.
ހާޝިމް މިފަދައިން ވިދާޅުވީ މާލިއްޔަތު ކޮމިޓީ އޭނާ ހާޒިރުވާން އެންގުމުން، އެ ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަން އަންގާ ކޮމިޓީއަށް ފޮނުވި ސިޓީގައިކަން ވަނީ ކަށަވަރުވެފައެވެ.
އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރު ވެވެން ނެތްކަމަށް ވިދާޅުވެ ޙާޝިމް ފޮނުއްވި ސިޓީގައި ވަނީ އޭނާ ގަވަރުނަރުކަމުން ވަކިކުރަން ރައީސްއަށް ލަފާދިނުމަށް މަޖިލީހުން ނިންމުމުން އެކަމަށް ވާހަކަ ދައްކަވާފައެވެ.
މިއަދު ކޮމިޓީއަށް އޭނާ ހާޒިރުކުރަނީ ގަވަރުނަރުކަމުން އޭނާ ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ވުމުން އެކަމާ ގުޅިގެން ހާޝީމް ވަނީ މަޖިލީހުގެ ނައިބު ރައީސް އޭނާ ވަކިކުރުމުގެ މައްސަލައިގައި ކުރައްވާފައިވާ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން ސިޓީގައި ގަވަރުނަރު ވިދާޅުވެފައިވަނީ އެމްއެމްއޭއާ މަތިކޮށްފަައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ތަކުރާރުކޮށް ދެއްވި ނަމަވެސް އެ އިރުޝާދުތަކަށް ސަރުކާރުތަކުން އިޖާބުނުދިން ކަމަށެވެ.
އެކަމުގެ ތަފްސީލު ދެއްވާ ސިޓީގައިވަނީ ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރަށް އެއިރު ދެއްވި އިރުޝާދުތައް މާލިއްޔަތު ކޮމިޓީއާ ކުރިން ހިއްސާ ކުރެއްވިކަން ފާހަގަކުރެއްވާފައެވެ. އަދި މާލީ ކާރިސާއެއްގެ ބިރު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އެމްއެމްއޭއާއި ބައިނަަލްއަގުވާމީ މާލީ އިދާރާތަކުން ދެމުން އައި އިރުޝާދަށް ސަރުކާރުތަކުން އަހަންމިއްޔަތުކަން ނުދިނުންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން ހަރަދުކުރުމާއި އާމްދަނީ ހޯދުމުގައި ހިފަހައްޓަން އެމްއެމްއޭއާއި މާލީ އިދާރާތަކުން ދިން ލަފައާ އެއްގޮތަށް ސަރުކާރުތަކުން އަމަލުނުކުރުމަކީ މާލީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އުފެދުމުގެ ސަބަބެއްގެ ގޮތުގައި ވެސް ގަވަރުނަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ނާޒިމު އެފަދައިން ހުށަހެޅުއްވުމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް ކޮމިޓީން އޮތީ ފާސްކޮށްފަަ އެވެ.
ނާޒިމް މިފަދައިން ހުށަހަޅުއްވާފައިވަނީ މައިގަނޑު ތިން ސަބަބެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ސަބަބުތަކަކީ:
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފާއިތުވި މުއްދަތުގައި ސަރުކާރަށް އެކަށީގެންވާ ލަފާ ނުދިނުން
ބޭންކުތަކުން ފައިސާ ދޫކުރެވޭ މިންވަރު މަދުވާނެހެން އެމްއެމްއޭގެ ރިޒާވްގައި ބޭންކުތަކުން ބަހައްޓަންޖެހޭ ފައިސާގެ އަދަދު އިތުރުކުރުން
މަނިޓަރީ ޕޮލިސީ ހިންގުމުގައި ގާނޫނުން ގަވަރުނަރާ މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރެއްވުން އެވެ.