މި ހިންގަމުންދާ ސަރުކާރު އުފެދުމުގައި އެންމެ މައިގަނޑު ދައުރެއް އަދާކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފޮޓޯ ފުޅު ކަމަށް ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެއެވެ.
ޕާޕާ މިފަދައިން ވިދާޅުވެފައިވަނީ އަންގާރަ ދުވަހުގެ ރޭ ރައީސް ޔާމީން އަަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް ގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަދައްކަވަމަންނެވެ.
ޕާޕާ ވިދާޅުވީ އަދުގެ ސަރުކާރުގައި ތިބީ ރައީސް ޔާމީންގެ ފޮޓޯ ޖައްސަވައިގެން ހަރާން ހުކުމްގެ ވާހަކަ އެންމެ ބާރަށް ދެއްކެވި ބޭފުޅުން ކަމަށާއި މިހާރު ކަންކަން ދާ ގޮތް އެއީ ވަރަށް ބޮޑު ޖޯކެއް ކަމަށެވެ.
އަޅުގަނޑުމެން މި ސަރުކާރު ގެންނަން މަސައްކަތް ކުރީ ވަރަށް ފޮނި އުންމީދު ތަކެއްގައި ދިވެހި ރައްޔިތުން ބޭނުންވި ކަންތައްތަކެއް ފުއްދަން. ވަކިން ހާއްސަކޮށް ރައީސް ޔާމީން މިނިވަން ކުރަން. މި ސަރުކާރު އުފެދުމުގައި އެންމެ މައިގަނޑު ދައުރެއް މި އަދާކުރީ ރައީސް ޔާމީންގެ ފޮޓޯ ފުޅު، ރައީސް ޔާމީން ގެ ހުސް ގޮންޑި. އަދި ހަރާން ހުކުމެއްގެ ވާހަކަ އެންމެ ބާރަށް ދެއްކި ބޭފުޅުން މިއަދު މިތިބީ ސަރުކާރުގެ މަގާމުތަކުގައި.
އެގޮތުން އެމްއެމްޕީއާރްސީގެ 1 މިލިއަން ޑޮލަރުގެ ވާހަކަ ދައްކާ ރައީސް ޔާމީންގެ ބޮލުގައި ބަދުނާމު އަޅުވައިގެން ކަންކަން ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންނަމަށް ޕާޕާ ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ މިއަދު ސަރުކާރުން އެވާހަކަ ނުދައްކަނީ ދެއްކެން ނެތުމުން ކަމަށާއި ސަބަބަކީ ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ތިބީ ބައިއެޅިފައި ތިބި މީހުންނަށް ވާތީ ކަމަށްވެސް ޕާޕާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއް މި ސަރުކާރަށް ބެލޭނެ ކަމަކަށް ގަބޫލް ނުކުރާ ކަމަށާ އެ މައްސަލަ ބެލުމުގެ ނިޔަތެއްވެސް މި ސަރުކާރުން ނުގެން ގުޅުއްވާ ކަމަށް ޕާޕާ ވަނީ ވިދާޅުވެފައެވެ.