ހާން ޔޫނުސްގެ އިރުމަތީ ފަޅި ހުސް ކުރަން އެންގިތާ 15 މިނެޓަށްފަހު އިސްރާއީލުން އެ ސަރަހައްދަށް ބޮން އަޅަން ފަށައިފިއެވެ.
އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރާއީ ބުނިގޮތުގައި ހާން ޔޫނުސްގެ އިރުމަތީ ފަޅީގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް އަލް-މަވާސީ ސަރަހައްދަށް ދިއުމަށް އަންގާފައިވާނެ ކަމަށެވެ.
ހާން ޔޫނުސްގެ އިރުމަތީ ފަޅި ހުސް ކުރަން އެންގީ އެ ސަރަހައްދު ނުރައްކާތެރި ޒޯނަކަށް ބަދަލުވެފައިވާތީ ކަމަށް ވެސް އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ.
ސަހްޔޫނީން މިފަދައިން އިންޒާރުދިންތާ 15 މިނެޓު ފަހުން އެ ސަރަހައްދަށް ހަމަލާތައް ދޭން ވަނީ ފަށާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ޖެޓްތައް ބޭނުންކޮށްގެން މިހާތަނަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.
ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ނާސިރު ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަލް-މަވާސީ ސަރަހައްދު ރައްކާތެރިވާނެ ކަމަށް ބުނި ކަމުގައި ވިޔަސް، އިސްރާއީލުން ދާދި ފަހުން ވަނީ އެ ސަރަހައްދުގައި ބޮޑު ގަތުލުއާންމެއް ހިންގައި ފަލަސްތީނުގެ 90 މީހުން ޝަހީދުކޮށްލައިފައެވެ.