މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވާ ހާއްސަ ޕެރޭޑު އެހެން ދުވަހަކަށް ފަސްކުރަން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކުގައި ބާއްވަން މިއަދު ހަމަޖެއްސި ހިނގާލުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ. ހިނގާލުން ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
މިނިވަންދުވަހުގެ ޕެރޭޑަކީ ސިފައިންނާއި ކެޑޭޓުން ކޮންމެ އަހަރެއްގެ ޖުލައި 26، ގެ ހަވީރު ކުރިއަށް ގެންދާ ރަސްމީ ހަރަކާތެކެވެ. މި ހަރަކާތް ބައްލަވާލައްވަން އޭރަކު ހުންނަވާ ރައީސާއި އަނބިކަނބަލުން ވަޑައިގަންނަވައެވެ.
ހިނގާލުން އޮންނާނެ ކަމަށް ކުރިން ނިންމާފައި އޮތުމުން ހަވީރު މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުންވެސް ކުރިން ވަނީ މަނާކޮށްފައެވެ. އަދި އެ ނިންމުން ބަދަލުކުރިކަން އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯހެވެ. އެގޮތުން ފުވައްމުލަކާއި އައްޑޫ ފިޔަވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓު ނެރެފައެވެ.
މެޓުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.