February 22, 2026
Advertisement
މާލޭގެ ލޯކަލް މާރުކޭޓު
މާލޭގެ ލޯކަލް މާރުކޭޓު / ސޯޝަލް މީޑިއާ

ތަކެތީގެ އަގު ކުރިއަށް އޮތް ތަނުގައި ދާނީ މައްޗަށް: އެމްއެމްއޭ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 26, 2024, 10:46 PM
މާލެ ސިޓީ

ކުރިއަށް އޮތް ކުއާޓަރގައި ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ އޮތޯރިޓީއިން މިކަން ހާމަކޮށްފައިވަނީ، މިދިޔަ މަހުގެ 25އިން މިމަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އަހަރުގެ ދެވަނަ ކުއާޓަރގެ ބިޒްނަސް ސާވޭއަށް ފަހުއެވެ.

އެގޮތުން އެމްއެމްއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސާވޭކުރެވުނު ހުރިހާ ދާއިރާއެއްގައި ވެސް ޖުމްލަ ގޮތެއްގައި ވިޔަފާރިކުރާ މިންވަރު ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހީނަރުވެފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ސާވޭގައި ހިމެނޭ ހުރިހާ ވިޔަފާރިތަކުގެ މާލީ ހާލަތު މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ވަނީ ހީނަރުވެފައެވެ.

ކުރިމަގަށް ބަލާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ދާއިރާއެއްގެ މާލީ ހާލަތު، އަންނަ ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން އަންދާޒާ ކުރެއެވެ.

ނަމަވެސް، ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ވިޔަފާރިތަކުން އަންދާޒާކުރަނީ، އަންނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ހީނަރުވާނެކަމަށެވެ.

މި ސާވޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ތަކެތީގެ އަގުތަކާއި، ޚިދުމަތުގެ އަގުތައްވަނީ ދަށްވެފައެވެ. ހަމަމިއާއެކު، މި މުއްދަތުގައި ސާވޭކުރެވުނު އެހެނިހެން ދާއިރާތަކުގެ އަގުތައް ވަނީ މަތިވެފައެވެ.

މީގެ އިތުރުން، ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް ވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މި ސާވޭގައި ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލާއި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން 118 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved