މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައެޅުމަށް އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ގަވާއިދުގައެވެ. އެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އެ ބައި ބާތިލު ކުުރުމަށް އެމްޓީސީސީން އެންމެ ފުރަތަމަ ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހައިކޯޓަށެވެ. އެކޯޓުން މައްސަލަ ނިންމާފައިވަނީ އެމްޓީސީސީއާ ދެކޮޅަށެވެ. އަދި އެ ނިންމުން އެމްޓީސީސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދެއްގެ މާއްދާއެއްގައި ހިމެނޭ އެއް އަކުރަކީ، ބެލެނިވެރި ގާނޫނާ ހިލާފަށް ހެދިފައިވާ އަކުރެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ.
އެމްޓީސީސީން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ އިދާރާތައް މާނަކޮށްފައިވާ ގޮތަށްވުރެ ފުޅާދާއިރާއެއްގައި ގަވާއިދުގައި މާނަކޮށްފައިވާ ކަމަށާއި އެގޮތަށް މާނަ ކުރުމުގެ ބާރެއް އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ ތަންތަނުގެ ތެރޭގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްތޯ އާއި، ދައުލަތުގެ ބަޖެޓުން ހިންގާ ތަނެއްތޯ ނުވަތަ ދައުލަތުުގެ ބަޖެޓުން އެހީ ލިބިދޭ ކޮންމެ ތަނެއް ހިމެނޭކަން އެނގެން އޮންނަކަން ފާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދުގެ ރައުޔު އިއްވަމުން ވިދާޅުވީ، ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާފައިވާ ގިނަ ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބައެއް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ތަކުލީފަކަށް ނުވާ ގޮތަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ، އެމްޓީސީސީ، ބީއެމްއެލް އަދި ދިިރާގު ފާހަގަކުރެެއްވިއެވެ.
ދައުލަތުގެ މަސްއޫލިއްޔަތެއް އުފުލާ ތަންތަނާއި ބަޖެޓު ލިބިދޭ ތަންތަނާއި ބަޖެޓުން އެހީ ލިބިދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ލިސްޓުކޮށް އިންފޮމޭޝަން ކޮމިޝަނުން އެކުލަވާލާ ގަވާއިދެއްގައި ހިމެނުމަކީ ގާނޫނުގެ މައި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޝަނަށް ކުރެވޭނެ ކަމެއް ކަމުގައި ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.
ހައިކޯޓުގެ ހުކުމަށް ތާއިދުކުރައްވައި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލުމާތު ދޭން ޖެހޭނެ ކަމަށް ކަންޑައަޅާފައިވަނީ މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.