އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުން މި ވެރިކަމުގައި ކުރި ދަތުރުތަކުގެ އަދަދު ސިއްރުކޮށްފިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ އުޅަނދުތަކުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމާއި މި ވެރިކަމުގައި ކުރި ދަތުރުތަކުގެ އަދަދު ހޯދުމަށް "އަދަދު" ނޫހުން އެދުމުން ޖަވާބު ދީފައިވަނީ ދެ މަސް ފަހުންނެވެ.
އެގޮތުން މެއި 12، ގައި "އަދަދު"ން ހުށަހެޅި އާރުޓީއައިއަށް ޑިފެންސް މިނިސްޓްރީއިން ޖަވާޞު ދީފައިވަނީ ޖުލައި މަހުގެ 25ވަނަ ދުވަހުގެ ރެއެވެ.
އޭރު އެ ޖަވާބު ނުލިބިގެން "އަދަދު"ން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، (އައިކޮމް)އަށް މައްސަލަ ހުށަހަޅަ މައްސަލައިގައި އަޑުއެހުމެއް ވެސް ބާއްވާފައިވެއެވެ.
ޑިފެންސްގެ އިންފޮމޭޝަން އޮފިސަރު ވަނީ ޖަވާބު ދިނުން ލަސްވަނީ ދެވޭނެ މައުލޫމާތުތަކާއި ސިއްރުކުރަން ޖެހޭ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.
ޑިފެންސުން ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ހިއްސާކޮށްފައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަމަ އެ އުޅަނދުތަކުން ކުރި ދަތުރުތައް ހާމަކުރުވެން ނެތް ކަމަށް ވެސް އެ ޖަވާބުގައި ބުނެފައިވެއެވެ.
އެގޮތަށް ބުނެފައިވަނީ ސިފައިންގެ ބޭނުމަށް އޮޕަރޭޓު ކުރާ އުޅަނދު ފަހަރުގެ ހަރަކާތްތަކުގެ ތަފުސީލު ގާނޫނު ނަމްބަރު 1/2014 ގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.
މައުލޫމާތު ސިއްރުކުރަން ޑިފެންސުން ނެގީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގައުމީ ސަލާމަތާއި ދިފާއީ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ސިއްރުކުރުމުގެ ބާރު ލިބޭ މާއްދާ އަށެވެ.
ނަމަވެސް އެމްޑީޕީ ސަރުކާރުގައި ކުރި ދަތުރުތަކުގެ ތަފްސީލު ހާމަކުރެވުނުއިރު މި ސަރުކާރު އައިސް ކުރި ދަތުރުތައް ސިފައިންގެ ބޭނުމަށް އޮޕަރޭޓު ކުރާ އުޅަނދު ފަހަރުގެ ހަރަކާތްތަކުގެ ތަފުސީލު ގާނޫނު ނަމްބަރު 1/2014 ގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް ސިއްރުކުރަންވީ ސަބަބަކީ ކިބައިކަމެއް ހާމަކޮށްފައިނުވެއެވެ.
މި ފަދަ މައުލޫމާތެއް މި ސަރުކާރުން ސިއްރުކޮށްފައިވާ އިރު މިނިވަން ދުވަހުގެ އިހުތިފާލުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއީ ހާމަކަން ބޮޑު، ފޮރުވުމެއްނެތި ކުރިއަށް ދާ ސަރުކާރެއް ކަމަށެވެ. ނަމަވެސް މިސަރުކާރު އައިސް ހާމަކުރަން ބުނި އެގްރިމަންޓުތައް ވެސް ހާމަކޮށްފައިނުވެއެވެ.