ކޮންމެ ދައުލަތެއްގައި ވެސް ލޫޕް ހޯލްސް ހުންނާނެކަން ޔަގީނެވެ. އެހެންކަމުން އެކަމަށް ފާރަވެރިވުމަށް ފާރަވެރިން ގާނޫނުން އައްޔަންކުރެއެވެ. އެކި ކޮމިޝަންތަކުގެ ނަމުގައެވެ. އެކި ކަންކަމަށް ފޯރިމަރާ ކުށްކުށަށް އަރައިގަންނަ މީހުން ހޯދާ އެމީހުންނާ މެދު ގާނޫނުގައި އޮންނަ ގޮތަށް އަމަލުކުރުމަށެވެ.
ނަމަވެސް ސުވާލަކީ އެކަން އެމަގުން ރާއްޖޭގައި ހިނގައިތޯއެވެ. ފެންނަ މަންޒަރުތަކުން އެކަން ހިނގަނީ އެހެން ނޫން ކަމާ އެކަންކަން ހިނގަނީ ނިކަން ތޮށަލި ދުޅަޔަކަށް ކަން ހާމަވެއެވެ. އެގޮތުން ފުލުހުންގެ މުއްްސަސާއަށް ބަލާއިރު މިހާރު އެއީ ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ތަނެކެވެ. މިކަމާ އަޅުގަޑާ ގިނަ ބަޔަކު އެއްބަސްވާންކަން ޔަގީނެވެ.
އެކި އެކި މައްސަލަތަކުގައި ގެންދާ ކުށްވެރިން އަނެއް ދޮރުން ނެރެފައި ފޮނުވާލާ ވާހަކައަކީ މިހާރު ވައިގައި ހިފާ ބައުވެފައި އޮތް ވާހަކައެކެވެ. އާންމުންނަށް އުނދަގުލާ ކުރިމަތިލާން ޖެހި އެތައް ގެއްލުމެއް ދޭ ކުށްވެރިޔާވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ދޫކޮށްލައެވެ.
ދެން އޮތީ ދައުލަތުގެ ކަންކަމުގައި ކަން ހިނގާ ގޮތުގެ ވާހަކައެކެވެ. ނަޒާހަތްތެރިކަމަކީ ވެރިންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މާތް ސިފަ ކަމަށްވާއިރު ވެރިކަމާ، އާރާ، ބާރާ، ޝާނާ، ޝައުކަތާ ލިބުމާއެކު ހަވާނަފްސަށް ތަބާވެވޭ ވެރިން މަދެއް ނޫނެވެ.
އެގޮތުން ވެރިކަމަކީ އެތައް ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ ކަމެއްކަން ހަނދާން ނައްތާލާ ތިމަ ތިމާމެންގެ އަމިއްލަ ޖީބު ބަރާކޮށް ތިމަ ތިމާމެންގެ ގޭގޭ އޮޑި ފެނާ ކޮއްތާ ދަރާ އަރުވާ ބަރާކުރެއެވެ. ޔައުނީ އަމިއްލަ އަންބޮޑި ބޮޑުކުރެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ރައްޔިތުން އެ ސަރުކާރެއްގެ މަތިން ފޫހިވެ ވެރިންނަށް ކުރި އިތުބާރު ގެއްލުމެވެ.
އެގޮތުން 2018 އިން 2023އަށް ރާއްޖޭގެ ވެރިންގެ ގޮތުގައި ތިބި މީހުންވެސް ނަގާ އަތު ކޮޅަށް ރައްޔިތުން ހުރާލީ އެފަދަ ސަބަބުތަކަށްޓަަކައެވެ. ނަމަވެސް ބަދަލުކޮށް ގެނައި ވެރިން އެއަށް ވުރެ ކަންތައް ފަލަވުމުން ދެން ވާނީ ކިހިނެއްތޯއެވެ.
ކޮރަޕްޝަނާ ވައްކަމާ ފަސާދައަށް ޒީރޯ ޓޮަލަރެންސް ދޭން އައިސް ފެންނަމުން ދަނީ އެކަންކަން މޭޒު ތަންދޮށުން ދާ ތަނެވެ. ރައީސް މީހާއިން ފެށިގެން ގޮސް ޕިޔޯނު މީހާއަށް ހަމައަށް ވެސް ކޮރަޕްޝާންގެ ހާލިން މަންފާ ހޯދަނީއެވެ. މައްސަލަ އެއް ހުށަހެޅިއަސް ބެލެނީއެއް ނޫނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންއެކޭ ނިދާފައި އޮތް ސިންގާއެކޭ އެއްފަދައެވެ. މައްސަލަ އެއް ހުށަހަޅާލީމާ ކުޑަކޮށް ކުކުރާލާފައި އަނެއްކާވެސް ނިދަނީއެވެ. އުޒުރަކަށް ވެގެން ދަނީ ކަންކަން ހުއްޓުވުމަށް އެންގުމުގެ ބާރު އޭސީސީއަށް ނެތުން ކަމަށްވެއެވެ.
ގެއްލިފައި ފައިސާ ހޯދާނެކަމަށް ދައުލަތުން ބާރުލާފައި ބުނަމުން ގެންދާއިރު އެކަން ކުރަން އޮތީ އޭސީސީއެވެ. ނަމަވެސް އެއީ އޭސީސީއަށް ލިބިފައި އޮތް ބާރެއް ނޫނެވެ. ގާނޫން އެ ބާރު އޭސީސީއަށް ލބިދީފައި ނެތީއެވެ. އެހެންކަމުން މިކަން ވެސް ކުރެވެން ނެތީއެވެ.
ދެން އޮތީ ކޮރަޕްޝަން ހިމެނޭ މައްސަލަތަކުގައި ދައުވާ ކުރުމަށް އޮންނަ ހުރަހެވެ. ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ކޮރަޕްޝަންގެ ކުށްތަކުގައި ދައުލަތުގެ ފަރާތުން ދައުވާ ކުރުމުގެ ބާރު އެންޓި ކޮރަޕްޝަން އިދާރާތަކަށް ދީފައި ހުރެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން އެ ބާރު ހަމައެކަނި އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް ވާތީ އޭސީސީއަކަށް އެ ފުރުސަތެއް ނުލިބެ އެވެ. ނަތީޖާއަކަށް ވަނީ އޭސީސީން ތަހުގީގުކޮށް، ޕީޖީއަށް ދައުވާކުރަން ފޮނުވާ ގިނަ މައްސަލަތަކުގައި އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ޕީޖީން ބުނެ، މައްސަލާގެ ފައިލް ބަންދުކޮށްލުމެވެ.
އެހެންކަމުން މިހާ ހިސާބުން އުފެދޭ ސުވާލަކީ މިހާރު މިއޮތް ސަރުކާރުން ވަކި މިކަމަށް ހައްލެއް ގެންނާނެ ބާއެވެ. އެހެނީ މިހާ ޅަފަތުގައި ސަރުކާރު އޮތް އިރުވެސް އިވެނީ ކޮރަޕްޝަންގެ ހާއްޔަކަށް މުޅި ދައުލަތްވެފައިވާ ވާހަކަކަމަށް ވުމުންނެވެ.
ކަންމިހެން އޮތް ނަމަވެސް މިހާރު އޮތް ނިޒާމުގައި އެ ކޮމިޝަނަށް ލިބެންޖެހޭ ގިނަ ބާރުތަކެއް ނުލިބި ދަތް ނެތް ސިންގާއެއްގެ ގޮތުގައި އޮންނަ އޮތުން ވެސް ނިމުމަކަށް އަންނަން އެބަޖެހެއެވެ.