ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ވޯޓު ހޯދުމަށް ހުވަފެން ދެއްކި އެއްބަޔަކީ ޓެކްސީ ކުރާ ފަރާތްތަކެވެ. މިއީ ދޮގެކޭ އެމަނިކުފާނަކަށް ނުބުނެވޭނެއެވެ.
ކަންކަން މިހެން ހުއްޓާ އަސްތާ ދެން މި އިވުނީ ޓެކްސީ ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރި ބަނގުރޫޓު ކުރުމަށް ސަރުކާރުން އަތުކުރި އޮޅާލި މަންޒަރެވެ.
އާދެ، ޓެކްސީ ލައިނެއް ގެ ހިދުމަތް ފަށަންވެގެން ސަރުކާރުން އިއުލާން ކުރެއްވި މަންޒަރެވެ.
އެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން އިފްތިތާހް ކުރި "މާލެ ފަހި ޕްރޮގްރާމް"ގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު މިކަން ވެގެންދިޔައީ ޓެކްސީ ޑައިވަރުންގެ އިންތިހާ ނުރުހުމާއި ހިތްހަމަނުޖެހުން ސަރުކާރަށް އަމާޒުވި ކަމަކަށެވެ.
ބޭރު ޤައުމުތަކުގެ މިސާލު ދައްކައިގެން ޓެކްސީ ލައިނެއް ތައާރަފްކުރަނީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ކަމުގައި ވީނަމަވެސް ބޭރުގެ ގައުމަކަށް ރާއްޖެ ވެގެން ނުދާނެކަމެއް މި ވެރިންނަށް ނޭނގުނުތާއެވެ.
އެ ވުޒާރާއިން ބުނަމުން ދަނީ ސަރުކާރުން ތަޢާރަފުކުރާ ޓެކްސީތަކުގެ 25 އިންސައްތަ ހިއްސާކުރާނީ އިލެކްޓްރިކް އުޅަނދުތައް ކަމަށެވެ.
މި ޓެކްސީތައް ދުއްވާނީ ފްރީލާންސް އުސޫލުން މަސައްކަތްކުރަން ޝައުޤުވެރިވާ ޒުވާނުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މޮޅެތި ވާހަކަތަކެވެ. ޚިދުމަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްދެވިފައި ނުވެއެވެ. މިއީ ފޮނި ކަނޑާ ސަރުކާރެއް ކަމަށް މީހުން ބުނަނީ ސަބަބެއް ނެތި ނޫނެވެ.
ހިތުން މި ކުރަން އުޅޭ މޮޅު ކަމުގެ ސަބަބުން އެތައް ޓެކްސީ ޑްރައިވަރުންނެއް ބިކަ ވެގެންދާނެއެވެ.
މިނިވަން ޓެކްސީ ވިޔަފާރި އަށް ހިޔަނި އެޅިގެން ދަނީއެވެ. ސަރުކާރުން މި ވިޔަފާރިތެރެއަށް ވަނުމަކީ ޓެކްސީ ޑްރައިވަރުން ސިފަކުރާގޮތުން ޓެކްސީ ޑްރައިވަރުން މަގުމަތިކޮށްލުމެވެ.
އަމިއްލަ ވިޔަފާރިވެރިން ނަގާ ކޮޅަށް ޖެހި ޓެކްސީ ވިޔަފާރީގެ ފޮނިކަން ހޯދަން ސަރުކާރުން ނުކުތުމާއި ޓެކްސީ ޑްރައިވަރުން ވެސް ވިޔަފާރިވެރިންވެސް ދެކޮޅެވެ.
ސަރުކާރުގެ މަގްސަަދަކީ ކޮބާ ބާއެވެ. ރާއްޖޭގެ އާއިލާތައް ބިކަ ކޮށްލުންބާއެވެ.