ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ ތިބުމަށް ނުވަތަ ވާނުވާ ބަންދަށް ގާނޫނުގެ ތެރެއިން ފަރުވާއެއް ނެތް ނެތުމަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓު(ޕީއެންއެފް) އިން މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރި ކެންޑިޑޭޓުން ތައާރަފްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް ޔާމީން ވަނީ އަދުގެ ގިނަ ޒުވާނުން ވާނުވާ ބަންދުގައި ތިބި ތިބުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި ކަންކަން ކޮށްދޭނެ ފަދަ ޒުވާނުންނަށް ހެދޭނެ ކަމަށާ އޭގެ ބަދަލުގައި އެ ކުދިންގެ މުޅި ހަޔާތްވެސް ގިނަ ފަހަރު އެ ވާނުވާ ބަންދުގައި ހޭދަ ކުރަން ޖެހޭކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުވަނީ ބައެއް ފަހަރު ތަހުގީގު ނިމިގެން ދާއިރު ދައުވާ ކުރެވޭ ވަަރށް ހެކި ނެތުމުން ބަންދުން ވީއްލަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ ހޭދަވީ ދުވަސްތަކުގެ ބަދަލު ލިބޭނެ ގޮތެއްވެސް ނެތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެތައް ދުވަހެއް ވާނުވާގައި ހޭދަކޮށްފައި ނުކުންނަ އިރު މުޅި ހަޔާތް އެފުށް މިފުށަށް އޮންނަީ ޖެހިފައި. އެކަމަކު ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުން ނުކުންނަ އިރު ލިބިފައި ހުންނަ ގެއްލުންތަކަށް ގާނޫނުން ފަރުވާ ހޯދާ ބަދަލު ލިބޭނެ ގޮތެއް ނޯވޭ. މިއީ ކިހާ ކަންބޮޑުވާން ޖެހޭ ކަމެއްތޯ؟
ރައީސް ޔާމީން ވަނީ އެ ފަދަ ކަންކަމަށް މަޖިލީހުގެ ތެރެއިން ފަރުވާ ހޯދާ ގާނޫނުތައް ހެދުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.