މުސްކުޅިން ބުނެ އުޅޭ އަޑު އަހަމުއެވެ. ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ. ނަމަވެސް ގިނި ދުއް މީހާ ރަތް މަލަށް ބިރުގަންނާނެއެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ. ކާޅު ކެޔަސް ސޮއް ނުގޮވާށެވެ.
މިއަދު އަޅުގަޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސްގެ ވެރިކަމުގައި މި މަންޒަރުތަކާ ދާދި އެއް ގޮތް ކަންކަން ދަނީ ފެންނަމުންނެވެ. ވެރިކަމުގައި ހުންނެވި ރައީސްއަކީ ހަޖަމްގެ މައްސަލަ ވަރަށް ބޮޑަށް އުޅުއްވާ ބޭފުޅެއްކަން ދަނީ ހާމަވަމުންނެވެ.
އެހެނީ ސިޔާސީ ކަންކަމުގައި ޚާއްސަކޮށް ރައީސް ކަމަށް ކުރިމަތިލާ މަގާމުގައި ހުންނެވުމަކީ ފާޑުކިޔުމާ ހަޖޫ ޖެހުމާ ނުރުހުން ވެސް އެ ބޭފުޅަކަށް އަމާޒުވާނެކަމެއްކަމަކަށްވާއިރު އެކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާހެން ހީވާތީއެވެ.. "ޕޮލިޓީކްސް އިޒް އަ ޑާރޓީ ގޭމް" އޭ ބުނަނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ.
އެގޮތުން އިދިކޮޅުންނާ އަދި އެއްކޮޅުންވެސް ރުހޭ ކަންކަމާ ނުރުހޭ ކަންކަން ހުންނާނެކަން ކޮންމެ ވެރިއަކުވެސް ގަބޫލުކުރަންވާނެއެވެ. ތިމަން މަނިކުފާނަކީ ގައުމުގެ ހުންގާނުގައި ހުންނެވި ބޭފުޅާއަށް ވާއިރު ތިމަން މަނިކުފާނުގެ ކޮންމެ ފިޔަވަޅަކަށް ފާރަވެރިވާނެ ބަޔަކާ ތިމަން މަނިކުފާނުގެ ކޮންމެ މޫވްމަންޓަކަށް ގޮތްކިޔާނެ މީހުންވެސް ތިބޭނެކަން ގަބޫލުކުރަންވާނެއެވެ. ނޫނީ "ސިޔާސީ" މި ކިޔާ މައިދާނުގައި ފައި ހަމަކޮށްލުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.
އެގޮތުން ރައީސް މުހައްމަދު މުއިއްޒަކީ އިލްމީ ބޭފުޅެއް ކަމާ މެދު އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ސަނަދުން ހާމަވީ ނަމަވެސް އެމަނިކުފާނަށް ސިޔާސީ ގޮތުން އަމާޒުވާ ފާޑުކިޔުންތައް ހަޖަމްކުރެވޭހާ މަތީ ފާހެއް އެމަނިކުފާނުގެ ކިބައިގައި ނެތެވެ.
ދެން މިހައްދަވާ ގޮތަކީ ހިތްޕުޅާ ނުވާ ވާހަކަ ދައްކާ ކޮންމެ މީހަކާ ދިމާކުރަން ސަރުކާރުން މުސާރަ ދީފައި ތިބޭ ޕާޓީ ފައުޖު ނެރެ އެމީހަކާ ދިމާކުރުވުމެވެ. ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް މިކަންކަން ކުރައްއްވާ ސިޔާސީ ގޮތުން ހަންތުނި މީހުންގެ ތެރޭގައި ގިނައީ ރައްޔިތުން ދަތި ހާލުގައި ތިބިއިރުވެސް ރައްޔިތުންގެ ފައިސާ ނުހައްގު މަންފާ ހޯދާ މީހުންނެވެ. އޭގެ ތެރޭގައި 3.9 މިލިއަން ދިރުވާލައިގެން ތިބި މީހުންވެސް ހިމެނެއެވެ. އަދި ހުރި އިލްމާ އެއްވަރު ނޫން މަތީ މަގާމުތަކުގައި ބޮޑު މުސާރަ ދީފައި ތިބި މީހުންވެސް ހިމެނެއެވެ.
ނަމަވެސް ސުވާލަކީ ރައީސް މުއިއްޒު މި ކުޅުއްވަނީ ވަކި ރީތި ގޭމެއް ބާއެވެ. ވެރިކަމަށް އަށް މަސް ވެގެން ދިޔައިރު އަަޅުގަޑުމެން ރައްޔިތުން މިތިބީ ދުވަހަކުވެސް ނުޖެހޭ ހާލުގައި ޖެހިފައެވެ. ކަރަންޓު ބިލަށް ވާނުވާ ނޭނގެއެވެ. ދައުލަތުގައި ފައިސާ ނެތް ކަމަށާ ރައްޔިތުން ގަރުދިޔަ އާ ހިތި ބޭސް ބޯން ޖެހޭނެކަމަށް ބުނަމުންދާއިރު އިވެންޓުތައް މެނޭޖުކުރުމުގެ ނަމުގައި ގާތް މީހުންނަށް މިލިއަނުން ފައިސާ ބަހަނީއެވެ. މަޖިލިސް މެމްބަރުންނަށް ލައްކައިން ފައިސާ ބަހަނީއެވެ. މި ވާހަކަތައް ދައްކާ މީހާ ގޯސްވުން ނޫން ކަމެއް ނުވެއެވެ.
މީހަކު ބުނި އެއްޗެއް އެމީހަކު ބުނި ގޮތަކަށް ބުނުމަކީ ވެސް މިހާރު ރައީސް މުއިއްޒަށް މައްސަލައަކަށް ވެގެން މި ފެންނަނީ މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅުއްވާ މަންޒަރެވެ. ބަދަލުގައި އަޅުގަޑުމެން ރައްޔިތުންނަށް ކަމެއް ކޮށްދެއްވިއްޔާ މާ ރަގަޅެއް ނޫންތޯއެވެ.
އަސްތާ މިހެން ދެންނެވުމުން ދެން ސަރުކާރުގެ ޓްވީޓުކުރާ ކުދިންކޮޅު ކެބިނެޓު ބައްދަލވުވުންތަކުގެ އަދަދާ ނިންމި ނިންމުންތަކުގެ އަދަދު ހާމަކޮށް މިއީ "މުއިއްޒު" ސްޕީޑޭ ބުނާނެކަން ޔަގީނެވެ. ނަމަވެސް ވާހަކައަކީ ފޮތެއް އޮވެގެން އެދުރެއް ނުވާނެ ވާހަކައެވެ. ނިންމުންތަކެއް ނިންމިއަސް އެއަށް އަމަލީ ސިފަ ގެންނަން ނުކެރުމަކީ ސަރުކާރު ޕްރޮމޯޓު ކުރާ ކުދިން ކޮޅު ބުނާހެން "ގަޓު" ހުރުން ބާއެވެ؟
އިދިކޮޅު މީހަކު ބާރަށް ފޮޑިއެއް ޖަހާލިއަސް ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ އެކަމަށް ޑިފެންސަށް ކުޅުއްވާ މަންޒަރެވެ. ބޭރުންދާ އޮޑި އޮޑިއަށް ނިވާކަންދީ، ދިވެހީންގެ ރާއްޖޭގެ އޮޑި ކުރިއަށް ނުކަނޑާ ނަގިލި އެއްލައިގެން އެއް ހިސާބެއްގައި ބަޑަހަ ޖަހައިގެން ތިބި މަންޒަރެވެ.
ވެރިކަމަށް އަށް މަހޭ އަދި ރޯވަރެއް ނުވެއޭ ބުނެ އަތުން ފައިން މަސައްކަތެއް ނުކޮށް ތިބެ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގާ މީހުން ދުވަމުން ދިޔަ ނަމަވެސް ރައްޔިތުންނަށް އަށް މަސްވެސް މިދަނީ ދައްޗާ އުނދަގުލާ ވޭނުގައެވެ. ރައްޔިތުން ތިބި އަނގަޔާ އަތާ ދިމާނުވެފައެވެ.
ފޯވަޑު ލައިނަށް ލާނެ ކުޅުންތެރިއަކު ނުލިބި މުޅި ޓީމު ޑިފެންސަށް ކުޅުނީމާ ގިނަ ފަހަރު ބައިކޮޅަށް ވަންނަނީ ލަނޑެވެ. އޭގެ ބަދަލުގައި އެޓޭކް މޯޑަށް ކުޅެ ގައުމަށާ ރައްޔިތުންނަށް ފައިދާ ހުރިކަމެއް ކޮށްދެއްވިއްޔާ މާރަގަޅު ނޫންތޯއެވެ. ފުޓު ބޯޅަ ކުޅުއްވާ ހިތްވި ނަމަވެސް މަންމާފުޅުގެ ހުއްދަ ނުލިބިގެން އެކަން ނުވުމުން މިއަދު އަތްދަށު ވަޑިން ނެރެގެން ތިޔަ ޖައްސަވަނީ ބައިކޮޅަށް ގޯލެވެ. ދެވަނަ ދައުރެއްގެ ހުވަފެން ދެކިވަޑައިގަންނަވަމުންދާއިރު ދެންވެސް ރައްޔިތުންނަށް ކަމެއްކޮށްދެއްވޭތޯ ބައްލަވާށެވެ.
އިބޫގެ ސަރުކާރެކޭ މި ސަރުކާރެކޭ ތަފާތަކީ ކޮބައިތޯއެވެ؟ މުޅިން ވެސް އަންނަނީ އަންނަނީގައެވެ.