

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން 2024 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް 32 ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެއަދަދު ހޯދުމަށް އެދި އޮންލައިން ނޫހަކުން އެދުމުން އެޑިއުކޭޝަން މިނިސްޓްރީއިން ލިޔުމުން ދިން ޖަވާބުންނެވެ.
އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފައެވެ.
މި އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުގައި ހޯދަން އެދުނު އެ މައުލޫމާތު މިނިސްޓްރީއިން ހިއްސާކޮށްފައިވަނީ، ގާނޫނުން ލާޒިމުކުރާ މުއްދަތު ފަހަނަ އަޅާދިޔަފަހުންނެވެ.
އެހެންކަމުން އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކުރުމާއެކު ޖުލައި 18، ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެވަނަ ޖަވާބެއް ދީފައެވެ.
އެ ޖަވާބުގައި ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ "31 ވަނަ މާއްދާގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށް އެދިލައްވާފައިވާ މައުލޫމާތު ދެވެން ނެތް" ކަމަށެވެ.
ނަމަވެސް ޖެހިގެން އައި ހަފުތާ އެ މައްސަލާގައި ބޭއްވި ދެވަނަ އަޑުއެހުމުގައި އައިކޮމް އިން ވަނީ އެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީއަށް އެންގުމުން، މައުލޫމާތު ދެވެން ނެތް ކަމަށް ބުނެ ޖަވާބު ފޮނުވީ މައުލޫމާތު ނުދިނުމުގެ ނިޔަތުގައި ނޫން ކަމަށްވެސް އެޑިއުކޭޝަންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
މިނިސްޓްރީއިން ހާމަކުރި މައުލޫމާތަށް ބަލާއިރު،
މިނިސްޓަރަށް މުސާރައިގެ ގޮތުގައި - 58,500ރ.
ހަ ސްޓޭޓް މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި - މީހަކަށް 43,500ރ
13 ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި - މީހަކަށް 31,500ރ.
ނުވަ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް މުސާރައިގެ ގޮތުގައި - މީހަކަށް 25,500ރ.
ތިން ޕޮލިޓިކަލް ޑިރެކްޓަރުންނަށް މުސާރައިގެ ގޮތުގައި - 20،500ރ.
މި އަދަދުތަކަށް ބަލާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ. އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، އެއީ 12.2 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 61.2 މިލިއަން ރުފިޔާއެވެ.
މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު ނަމަވެސް، މިހާތަނަށް 18 ވުޒާރާއަކުން ހާމަކުރި މައުލޫމާތަށް ބަލާއިރު އެކަނިވެސް 799 ސިޔާސީ މުވައްޒަފުން ތިއްބެވެ. އަދި އެ އަދަދުގެ ތެރެއަށް އެޑިއުކޭޝަން މިނިސްޓްރީގެ މި އަދަދު އިތުރުކުރުމުން މިހާތަނަށް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ 831އަށް އަރާފައެވެ.
މިއީ އަދި ރައީސް އޮފީހާއި މުލިއާގެ އަދި ހިލާލީގޭގެ އިތުރުން އިތުރު 3 ވުޒާރާއެއްގައި ތިބި ސިޔާސީ މުވައްޒަފުން ނުހިމަނާވާ އަދަދެވެ.