

ރަހުމެއްނެތި ފަލަސްތީނުގެ ޢައްޒާގައި މީހުން މަރަމުންދާއިރު އަރަބި ލީޑަރުން ތިއްބަވަނީ ކުޅިބަލަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
މި ކަމާ ގުޅުވާ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުށެއް ނެތް ޣައްޒާގެ އާންމުން، އިސްރާއީލުން ރަހުމެއްނެތި މަރަމުންދާ ކަމަށެވެ. އެ ކަމާ ގުޅިގެން އަރަބި ލީޑަރުން އެއްވެސް ކަމެއް ނުކުރައްވާތީ މައުމޫން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ މިއީ ހިތާމައިގެ ކޮޅެއް ނެތް ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
މިއަދު ވެސް ފަލަސްތީނުގައި ފަތިސް ނަމާދު ކުރަން ތިބި ބަޔަކަށް ހަމަލާ ދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު އިޒްރޭލާ ދެކޮޅަށް މަސައްކަތްނުކުރާ ކަމަށް ބުނެ އަރަބި އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ރައީސް މައުމޫން ވަނީ މީގެ ކުރިން ވެސް އިސްރާއީލުން ފަލސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި، ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާ އެކުގައި ކަމަށް އެ މަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ މަނިކުފާނު ގެންދަވަނީ ފަލަސްތީނު މައްސަލައިގައި އަޑުއުފުއްލަވަމުންނެވެ.
ރައީސް މައުމޫނަކީ އެ މަނިކުފާނު މިސްރުގައި ކިޔަވަން ހުންނެވި ދުވަސްވަރު އިޒްރޭލުން މިސްރަށް ދިން ހަމަލާތަކުން ދިފާއުވުމަށް އެ ގައުމުން ކުރަމުން ދިޔަ މަސައްކަތްތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެލެއްވި ބޭފުޅެކެވެ.