ޝައިޚް ފަޒްލޫން / ސޯޝަލް މީޑިއާ
ހަބަރު
ޝައިޚް ފަޒްލޫން ރައީސް މުއިއްޒަށް: ހީލަތްތެރިކަން ނުދައްކަވާ ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރައްވާ
Mariyam Isaadha
މަރިޔަމް އިސާދާ
11 އޯގަސްޓު 2024
މާލެ ސިޓީ

ހީލަތްތެރިކަން ނުދައްކަވާ ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރައްވުމަށް ދީނީ އިލްމުވެރިޔަ އައްޝައިޚް ފަޒްލޫން ބިން މުހައްމަދު، ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

ފަޒްލޫނު މިފަދައިން ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޣައްޒާގެ އަލް ތާބިން ސްކޫލަށް ސަހްޔޫނީންދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހިދުވުމުން އެކަން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ފަޒްލޫނު ވަނީ ރައްދު ދެއްވާފައެވެ.

ފަޒްލޫނު ވިދާޅުވީ ރައީސް މުއިއްޒަކީ ފާއިތުވި 8 މަސް ދުވަހު މި ގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށާ އަދިވެސް ރައީސް މުއިއްޒު ހުންނެވީ އެ މަގާމުގައި ކަމަށެވެ.

ނަމަވެސް ދުވަސްތައް ފާއިތުވަމުން ދާއިރު އަދިވެސް ސަހްޔޫނީންގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ރައީސް މުއިއްޒަށް މަނާނުކުރެވޭ ކަމަށް ވެސް ފަޒްލޫނު ވިދާޅުވެފައިވެއެވެ.

ފަޒްލޫނުގެ އެކްސް ޕޯސްޓުގެ ސްކްރީން ޝޮޓު

އެހެންކަމުން ޣައްޒާގެ ހާލަތު، ހީލަތްތެރިކަމާއެކު ކުށްވެރިކުރެއްވުމުގެ ބަދަލުގައި ސަޙްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުމަށް ފަޒްލޫނު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ. އަދި އެކަން ނުކޮށްފިނަމަ ރައީސް މުއިއްޒުގެ ނަންފުޅު ލިޔެވޭނީ ގައުމުގެ ތާރީޚުގައި މަކަރުވެރިއެއްގެ ގޮތުގައި ކަމަށްވެސް ފަޒްލޫނު ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ކުށްވެރިކުރެއްވި ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ އެއީ ހަނގުރާމައެއް ކަމަށެވެ. އަދި އެއީ "ނަސްލުހޭދަ" އެއް ކަމަށް ވިދާޅުވާން އެމަނިކުފާނަށް ކެރިވަޑައިނުގެންނެވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved