ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާތީވެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ފޮނުއްވި ސިޓީގައި ޝަމީމު ޕީޖީ ކަމުން ވަކިކުރަން އެދޭ އަށް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
ޝާހިދު އެ ސިޓީގައި ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުން
ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ރަސޫލާއަށް ފުރައްސާރަ ކުރުމުން ވެސް އެ މައްސަލަ ބަލަން ދެކޮޅު ހެދުން
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން
މިއަދު ސަރުކާރުގައި ތިބި ވެރިންނަކީ އިދިކޮޅުގައި އޮވެ ޝަމީމް ޕީޖީ ކަމުން ވަކި ކުރުމަށް އެންމެ އަޑުހަރުކޮށް ގޮވާލި ފަރާތްތަކެވެ.
ނަމަވެސް މިއަދު ފެނިގެންދަނީ ޝަމީމް އާއެކު ޑީލް ހަދާ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުގެ މައްޗައް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދާ މަންޒަރެވެ.
ޝަމީމްގެ އިސްތިއުފާއަށް ވެސް އެކި އެކި ފަރާތްތަކުން އަންނަނީ ގޮވާލާ މުޒާރާ ކުރަމުންނެވެ.