ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓު މިނިސްތްރީގެ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
20 ދުވަހު ޖަލުގައި ގެންގުޅުމަށްފަހު ދޫކޮށްލި އެންވަޔަރަމެންޓު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، ޝަމްނާޒު އަލީ ސަލީމްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީއިން ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ތޭރަ އޮންލައިންަސް މައުލޫމާތު ދެމުން ޕީޖީގެ މީޑީޔާ ޝަފީއު ވިދާޅުވީ، ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވަނީ ދައުވާ ކުރެވޭ މިންނަވަރަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށެވެ.
އެހެންނަމަވެސް ޝަމްނާޒުގެ މައްޗަށް ދައުވާ ކުރަން ބޭނުންވާ ހެކި ގަރީނީ އަދި ލިޔެކިޔުންތައް ހަމަ ކުރަން ފުލުހުން ޕީޖީއާ މަޝްވަރާ ވެސް މީގެ ކުރިން ކުރިއެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކޮށް 20 ދުވަހު ބަންދުގައި ބެހެއްޓިއެވެ. އޭނާ ހައްޔަރު ކުރީ ޖޫން 23، ގަ އެވެ. އޭނާއާ އެކު އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު ވެސް ހައްޔަރު ކުރިއެވެ.
ނަމަވެސް އޭގެ ހަތް ދުވަސްފަހުން ޖުލައި 1، ގައި ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ސަމީރު ޝަރުތުތަކަކާ އެކު ދޫކޮށްލި އެވެ. ޝަމްނާޒު އާއި ސަނާ ބަންދުން ދޫކޮށްލީ ޖުލައި 13، ގައެވެ.
ޝަމްނާޒު ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށް ފުލުުހުން ކުރިން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި ޝަމްނާޒުމެން ގެ ބަލައި ފާސްކޮށް ޝަމްނާޒު އާއި ސަނާގެ ފޯނާއި ސީލްކޮށްފައި ފޯނެއް ކެނޑުމަށްފަހު އެ ފޯނުގެ އިތުރުން އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] މުބާރާތެއްގައި ބެހި ތަޅުދަނޑިފުލަކާއި ސަނާގެ ކޮޓަރިން ފެނުނު އިސްތަށިކޮޅެއް އަދި ޝަމްނާޒުގެ ކޮޓަރިން ކަރުގައި އަޅާ ފަށެއް ފުލުހުން ގެންދިޔައެވެ.
ގިނަ ބަޔަކު އޭރު ބުނަމުން ދިޔައީ ޝަމްނާޒު ފްރޭމުކޮށް ރައީސް މުހައްމަދު މުއިއްޒު އޭނާގެ އަގު ވައްޓާލަނީ ކަމަށެވެ.