މެދުރާއްޖޭގެ އަތޮޅުތަކަށް މިއަދު ވަރަށް ބޮޑަށް ވިއްސާރަވާނެ ކަމަށާއި، އެ ސަރަަހައްދަށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން މިއަދު ހެނދުނު ރީނދޫ ސަމާލު ނެރުނީ މާލެ އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގައިވާ ހުރިހާ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުުނު 08:00 އިން މެންދުރު ފަހު 13:00އާ ދެމެދު އުތުުރުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދު ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މެދުރާއްޖެތެރެއަށް ވެސް އެ މިންވަރަށް ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ އިތުރުން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް މިއަދު 08:00އިން މެންދުރުފަހު 13:00އާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދު އެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އެ އަތޮޅުތަކަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.
ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާަ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.