ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް، ކްރިމިނަލް ކޯޓުގެ މާދަމާގެ ތާވަލުން ނަގައިފި އެވެ.
އެގޮތުން "ތޭރަ އޮންލައިން" އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުން ބުނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިޔާ އަށް މާދަމާ ހާޒިރުވެވެން ނެތުމުން، ދައުލަތުން އެދިގެން އެ މައްސަލަ ތާވަލު ނުކުރަން ނިންމީ ކަމަށެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންލައިން" އިން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއުއާ ސުވާލު ކުރުމުން، ޝަފީއު ވިދާޅުވީ ދައުލަތުގެ ފަރާތުން ކޯޓަށް ހާޒިރުކުރާ ހެކިވެރިޔާ އަކީ ސްރީ ލަންކާ ފަރާތެއް ކަމުން އެ ފަރާތް އަދި ހުރީ ރާއްޖޭން ބޭރުގައި ކަމަށެވެ. އެހެންކަމުން މާދަމާ ކޯޓުގެ އަޑުއެހުމަށް ހާޒިރުވެވެން އޭނާ އަށް ނެތުމުން ދައުލަތުން މާދަމާގެ ތާވަލުން ޝަރީއަތުގެ އަޑުއެހުން ނެގުމަށް އެދުނީކަމަށެވެ.
ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. މި އަޑުއެހުން ބޭއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ފުއްގިރި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތެއް ވަނީ ބުދަ ދުވަހަށް ވެސް ތާވަލްކޮށްފަ އެވެ. އެއީ ކުރިން ކޯޓުން ހިންގި ޝަރީއަތް އަލުން ފެށުމަށްޓަކައި ހައި ކޯޓުން ހުކުމްކުރުމުން ބަލާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.