April 23, 2026
Advertisement
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް / ސަން

ޖަވާބުދާރީވާން ޝަމީމް ބުރާސްފަތި ދުވަހު މަޖިލިސް ކޮމިޓީއަށް ހާޒިރުކުރަނީ

Aishath Naja
އައިޝަތު ނަޖާ
Aug 20, 2024, 07:51 PM
މާލެ ސިޓީ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް ދީފައިވާ ފަސް ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު ބުރާސްފަތި ދުވަހު ހާޒިރުކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.

Advertisement

އެގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ޝަމީމަށް ދީފައިވާ ފަސް ދުވަހުގެ ނޯޓިސް މާދަމާއަށް ހަމަވެ ޖެހިގެން އަންނަ ބުރާސްފަތި ދުވަހު ހާޒިރުވާ ގޮތަށް ކަނޑައެޅިފައިވާ ކަމަށެވެ.

ޝަމީމް މަގާމުން ވަކިކުރުމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލާގައި ޝަމީމަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެހެންކަމުން ފުވައްމުލައް މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހެޅުއްވީ އެއިން ފަސް މައްސަލައެއްގެ ލިޔެކިޔުންތައް ހޯދުމަށެވެ.

އެ 5 މައްސަލަތަކަކީ:

  • ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުރާ އަނބުރާ ގެންނަން ނިންމުމުގެ ސަބަބުގެ ތަފްސީލް
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • ވެންޓިލޭޓަރު މައްސަލާގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ނުކުރަން ނިންމި ނިންމުމުގެ ތަފްސީލް
  • ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މައްސަލާގައި ބޭރު ދަތުރުތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައަޅަން އޮފީހުގައި އޮންނަ އުސޫލާއި ފޮނުވާފައިވާ މުވައްޒަފުންގެ ތަފްސީލު

ޕީޖީ ކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހަޅާފައި މިވަނީ ޝަމީމް މަގާމުން ވަކިކުރުމަށް އެތައް ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved