ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
އެގޮތުން މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޝަމީމު ވަކިކުރަން ނިންމިކަން ކޮމިޓީގެ މެންބަރުންގެ ފަރާތުން ވަނީ ޔަގީންވެފަ އެވެ.
ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފާއިވާއިރު އެ ބައްދަލުވުން ލައިވްކުރަން ޝަމީމު ވަނީ އެދިފައެެވެ
ނަމަވެސް ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރަންށެވެ.
ޕީޖީގެ މަގާމުން ޝަމީމު ވަކި ކުރަން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވުމަށް ޖުޑީޝަރީ ކޮމެޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ބަލަމުންދާ މައްސަލައެއް ކަމަށެވެ.
މަގާމުން ވަކި ކުރަނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނުވަތަ ހަވާލުކުރި މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަނީ އޭނާ ލައްވައި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރުވޭނެތީކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
ޝަމީމް މަގާމުން ވަކި ކުރުމަށް އެކި އެކި ފަރާތްތަކުން ގޮވާލަމުން އައި އިރު ސަރުކާރުން ވަނީ ކުރިން ޝަމީމް މަގާމުގައި ބެހެއްޓުމަށް ޝަމީމް އާއެކު ޑީލް އެއް ހަދާފައިކަން ފާހަގަކޮށްލެވެއެވެ.