މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ)ގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގި ޚިޔާނާތުގައި ރައީސް މުހައްމަދު މުއިއްޒުވެސް ފައިސާ ނެންގެވިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ރޭގެ ޖަލްސާގައި، ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު (ޕާޕާ) ވަނީ މާމިގިލީ ކޯޓުން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގާޒީ ނިހާނު ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަކަށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ފޯނުން ނެގި ވަޓްސް އަޕް މެސެޖުތަކެއް ހިމަނައިގެން އެކުލަވާލާފައި އޮތް ރިޕޯޓެއްގެ ބައިތައް އާންމުކުރައްވާފައެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އަބްދުﷲ ރިޔާޒުގެ ފޯނުން ފެނުނު ވަޓްސް އަޕް މެސެޖުތަކަކުން ހާމަވެފައިވާ ގޮތުގައި މަޖިލިސް ރައީސްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވަނީ އަދީބު އަތުން 4 މިލިއަން ރުފިޔާ ނަގާފައެވެ. އަދި ރައީސް ޔާމީން ހައްޔަރުކޮށް އަޒަލުކުރެއްވިއްޖެ ނަމަ އިތުރު 16 މިލިއަން ރުފިޔާ އަދުރޭއަށް ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް 14 މިލިއަން ރުފިޔާ އަދީބު އަތުން ނަގާފައިވާ ކަން ހާމަކޮށްފައިވެއެވެ.
މި ރިޕޯޓާ ގުޅިގެން ރައީސް ޔާމީން ވިދާޅޫވެފައިވަނީ އެމަނިކުފާނުގެ ދައުރުގައި ހިނގާފައި އޮތް ކަމެއް ނަމަވެސް އެ ރިޕޯޓު އެމަނިކުފާނުގެ މޭޒުކޮޅާ ހަމައަށް ނާންނަ ކަމަށެވެ.
އެހެންކަމުން އެކަމުގައި އޮތީ ދެގޮތެއް ކަމަށާ އެއް ގޮތަކީ ފުލުހުންގެ ތެރެއިން އެކަން ސިއްރު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދެވަނަ ގޮތަކީ ރައީސް އޮފީހުގެ ތެރެއިން އެކަން އޮއްބާލުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިފަދަ މައުލޫމާތެއް ހާމަވެފައި މިވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ސެލެކްޓިވް ޖަސްޓިސެއް ހިންގާކަމުގެ އެތައް ތުހުމަތެއް އަމާޒުވެސް ވެފައިވަނިކޮށެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވަނީ އެމްއެމްޕީއާރުސީ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައި ނަމަވެސް އެމަނިކުފާނަށް އެކަން ކުރައްވަން ނުކެރޭނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީ މައްސަލަ އިންސާފުވެރިކޮށް މި ސަރުކާރަށް ބެލިދާނެކަމާ މެދު މިހާރު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.