ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކުރުމުގައި ލަސްތަކެއް އުޅުއްވާތީ އެކަމާ ކަންބޮޑުވެ، އެމަނިކުފާނުގެ ޤާނޫނީ ޓީމް އަދި ޕާޓީގެ އިސްފަރާތްތަކުން އާދިއްތަ ދުވަހު ހައި ކޯޓަށް ދިޔުމަށް ނިންމައިފިއެވެ.
ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، (ޕީޕަލްސް ނޭޝަނަލް ފްރޮންޓް) ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތްކަމަށް މުހައްމަދު މަލީހް ޖަމާލް ވަނީ މިކަމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ޗެނަލް 13 އަށް އިތުރު މައުލޫމާތު ދެމުން މަލީހް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމާ ހަމަޔަށް ގޮސްފައިވަނިކޮށް ހައި ކޯޓް ރިސެސް އަށް ދިޔުމަށްފަހުވެސް އެހެން މައްސަލަތައް ކޯޓުގައި ތާވަލް ކުރެވިފައިވާކަމަށާއި މިކަމުން ދޭހަވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް އަދިވެސް މިނިވަންވެފައިނުވާކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ،
ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ކުރީ ސަރުކާރާ އަދުގެ ސަރުކާރުންވެސް އަންނަނީ ބޭއިންސާފު ވަމުންކަމަށް އެމަނިކުފާނަށް ތާއިދު ކުރައްވާ ގިނަ ފަރާތްތަކުން ދެކެއެވެ.
މަލީހް އިތުރަށް ވިދާޅުވީ އާދިއްތަ ދުވަހު ހައި ކޯޓުގައި މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދޭނެކަމަށާއި ގަބޫލު ކުރައްވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވާ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ވީއެންމެ އަވަހަކަށް ތާވަލްކުރެވިގެންދާނެކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެން ވެރިކަމަަށް އައި ސަރުކާރަކުން އެމަނިކުފާނަށް ކުރީ ސަރުކާރެކޭ އެއްފަދައިން އަނިޔާ ދެމުންދާތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ގާތް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު އަމާޒުކުރައްވަމުންނެވެ.