ދޫނިދޫ ޖަލުގައި ނުހައްގު ހުކުމެއްގައި އެމަނިކުފާނު ހުންނެވިއިރު، ދަންޖެއްސެވުމަށް ބައެއް ތަކެތި ބަހައްޓާފައިހުރި ކަމަށާ އެއީ ކޮންކޮން ސާމާނެއްތޯ ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއުއަށް ގޮވާލާފިއެވެ.
ރޭ ޕީއެންއެފް ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އަރިސް ދެ ފުލުހުން ރައީސް ޔާމީން ދޫނިދޫ ޖަލުގައި ދަންޖައްސައި މަރާލުމަށް ރޭވި ކަމަށް ތުހުމަތު ކޮށްފައެވެ.
އެގޮތުން އޭނާ ވިދާޅުވީ، އެ ދެ ފުލުހުން، އަދީބުއާއި ގުޅިގެން ރޭވީ ކޯޓު އަމުރުގެ ދަށުން ރައީސް ޔާމީން ދޫނިދޫ ޖަލަށް ގެންދިޔުމަށްފަހު އެތަނުގައި މަރާލަން ކަމަށާ، އެފަދައިން މަރާލުމަށްފަހު، އެމަނިކުފާނު އަމިއްލައަށް މަރުވި ކަމަށް ދައްކައި އެކަމާއި ގުޅޭ ހެކިތައްވެސް ނައްތާލަން ކަމަށެވެ.
އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ އެ މަސައްކަތުގައި ބައިވެރިވާން ތިބި އެމްއެންޑީއެފްގެ އޮފިޝަލުން ”ކޮންމެވެސް ކަމެއް ވެގެން ބެޗީމަ" ކަމަށް ޕާޕާ ވިދާޅުވިއެވެ.
ޕާޕާގެ ވާހަކައާއި ގުޅިގެން ރައީސް ޔާމީންވެސް ވަނީ އެމަނިކުފާނު ދޫނިދޫ ޖަލަށް ލުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަރަށް އަރިސް ދެ ފުލުހުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އެއީ"ފޭކު" ވާހަކަ އެކޭ ނުބުނެވޭނެ ކަމަށާއި، އެފަދައިން ކަންކޮށްފި ނަމަ ފުލުހުންނަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށެވެ.