March 22, 2026
Advertisement
ރައީސް މުއިއްޒު ސިންގަޕޫރުގައި އާއިލާއެކު
ރައީސް މުއިއްޒު ސިންގަޕޫރުގައި އާއިލާއެކު / ސޯޝަލް މީޑިއާ

ސިންގަޕޫރުގައި ހުއްޓާ ރައީސް މުއިއްޒުގެ ފޮޓޯ ނެގި މީހާގެ ފޯނު ހިފަހައްޓައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 1, 2024, 04:12 PM
މާލެ ސިޓީ

ސިންގަޕޫރުގައި ހުއްޓާ ރައީސް މުހައްމަދު މުއިއްޒުގެ ފޮޓޯ ނެގި މީހާގެ ފޯނު ހިފަހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިފަހައްޓާފައިވަނީ ރޭ ސިންގަޕޫރު އެއާރލައިން މާލެ އައި ދިވެއްސެއްގެ ފޯނެކެވެ.

އެގޮތުން އެ މީހާ ސިންގަޕޫރުން އައިސް ރާއްޖެ ފޭބި ވަގުތު ހަ ވަރަކަށް ފުލުހުން ވެގެން އޭނާ ވަށާލައި، ކޯޓު އަމުރު ދެއްކުމަށް ފަހު އޭނާގެ ފޯނު ހިފަހައްޓާފައިވެއެވެ. އެ މީހާއާ ސުވާލުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މި މައްސަލައިގައި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން އެކޯޓުން އަމުރެއް ނެރެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރުވެފައެވެ.

ގާނޫނުލްއުގޫބާތުގެ 231 ވަނަ މާއްދާއާ 233 ވަނަ މާއްދާއާ 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ ދަށުން ކޯޓު އަމުރު ނެރެދީފައި އޮތްއިރު، އެ މާއްދާތަކުގައި ހިމެނާ ކުށްތަކަކީ،

  • 231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުން
  • 233 ވަނަ މާއްދާ - ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
  • 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރު - އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމެވެ.

މައުލޫމާތު ލިބިފައި ގޮތުގައި މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތު ކުރާ ފޮޓޯއަކީ، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކްސް އެކައުންޓުން އާންމުކުރި ފޮޓޯއެކެވެ.

އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.

ރައީސް މުއިއްޒުގެ މި ފޮޓޯ ނެގި މައްސަލައިގައި ފޯނު ހިފަހައްޓަން އަމުރުކުރިއިރު، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި، މެޑިކަލް ޗެކަޕަކަށް ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved