ސަރުކާރުން ކުންފުނިތައް "މާރޖް" ކުރުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ ކަމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ މިހާރު ސަރުކާރުން އެކި ކުންފުނިތައް ސަބްސިޑަރީ ކުންފުނިތަކެއްގެ ގޮތުގައި ބަދަލުކުރަން ނިންމާފައި ނިންމުމަށް އަލި އަޅުވާލައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން އުއްމީދު އާވާކަށް ނުޖެހޭ ކަމަށާއި، ކުންފުނިތައް މާޖް ކުރުމުގައި ސަރުކާރުން އަދި ދެއްކީ ބެލެނިވެރިއެއް ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުން ފެނަކައިގެ ޤާނޫނީ ޝަޚްސިއްޔަތަކަށް ބަދަލެއް ނާންނާނެ ކަމަށާ ސަބަބަކީ ފެނަކައަކީ އަމިއްލަ ކެޕިޓަލް ހުރި، އޭގެ ޚަރަދާއި އޭގެ އާމްދަނީއަށް ޒިންމާ އަމިއްލައަށް އުފުލާ ތަނަކަށްވުން ކަމަށެވެ.
މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް އާއި އެއަރޕޯޓްސް ކޮމްޕެނީ މާޖްކުރުމުން ވަކި ދެތަނުގެ ކޮންސޮލިޑޭޓެޑް ހިސާބު ނުނިކުންނާނެ ކަމަށާއި، މިފަދަ ކުންފުނިތަކުގެ ހިސާބު ހުންނަންވާނީ ވަކިން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމަކުން ފެނަކައިގެ އޮންނަ ގާނޫނީ ޝަޚްސިއްޔަތަށް ބަދަލެއް ނާދޭ. ފެނަކައަކީ ކެޕިޓަލް ވަކިކުރި އަދި އޭގެ ޚަރަދާ އޭގެން ލިބޭ އާމްދަނީއަށް ޒިންމާ އުފުލާ ތަނެއް އެއީ. ވަކި ކޮޝް ސެންޓަރެއް އެއި. އެހެންވީމާ އެމީހުންގެ ހިސާބުތައް ވެސް ޕޯޝް ކުރަން ޖެހޭނީ ވެސް ވަކިން. އެހެންވީމަ އެސްޓީއޯ ގެނެސް ބެލެނެވެރިއެއް ކައިރިއަށް ގެންދިއުމަކުން އަދި އެކަން އެޑްރެސް އެއް ނުކުރެވޭ. މިއީ ކޮޓޮން ވޫލް ކުރުން ކަހަލަ ކަމެއް. ލޮލުގަ އަނދުން އަޅުވަން ކުރާ ކަހަލަ ކަމެއް.
ރައީސް ޔާމީން ވިދާޅުވީ، އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބުނަނީ މިފަދަ ކުންފުނިތަކުގައި ހުރި ބޮޑެތި މައްސަލަތައް ރަނގަޅުކުރަން ކަމަށެވެ. އެގޮތުން ޚަރަދާ އާމްދަނީ އާއި ދެކޮޅު ނުޖެހެނީ ކީއްވެތޯ ވެސް ބަލާ އެކަމަށް "އެޑްރެސް" ކުރަންވާނެ ކަމަށެވެ.