ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރުން ހުރަސްއެޅި އެޅުމާ ގުޅިގެން އިތުރު ވަޒީރުންނަށް ރުހުން ނުދޭނެކަމުގެ އިންޒާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ) އިން ދީފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށާ މުހިއްމު އިތުރު މަސައްކަތްތައް ނިންމަން ދައުރު ބޭރުން އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމާ މެދު ކޮމިޓީ ރިޕޯޓު އިއްވާފައެވެ. އެގޮތުން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައިވާކަން ހާމަވެފައިވެއެވެ.
އެއާ އެކު 1:30ގައި ވޯޓަށް އެހުން ތާވަލްކޮށްފައިވަނކިށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުން ތަޅުލާ ރިޔާސަތުވެސް ހިޞާރުކޮށް ޖަލްސާއަށް ހުރަސް އަޅާފައެވެ.
ރިޔާސަތުގެ މޭޒުގައި އިން މައިކުވެސް ފޮރުވާ ހިންގި ޖަރީމާތަކުގެ ސަބަބުން އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދެވި ރޭގެ ވަރަށް ލަސްވި ފަހުން ވަނީ ޖަލްސާ ނިންމާލާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވަނީ ޖަލްސާއަށް ހުރަސްއެޅީ ސީދާ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށްފައެވެ.
ސަލީމް ވިދާޅުވީ އިއްޔެއަކީ ދުސްތޫރީ ނިޒާމުގައި ވަރަށް ކަޅު ދުވަހެއް ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅި މަންޒަރު ކަމަށައީ މަޖިލީހަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ފެނުނީ ބާރާއި ނުފޫޒު އޮތް ފަރާތްތަކުން އެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މަންޒަރު ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ގިނަ މެންބަރުން މިހާރު ނިންމަނީ ގިނަ ވަޒީރުންނަށް ރުހުން ނުދިނުމަށް ކަމަށެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނިންމުމަކީ ފަހުގެ ނިންމުން ނޫން ކަމަށާއި ވަޒީރުންނަށް ރުހުންދީ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށެވެ. އަދި ކޮމިޓީގެ ނިންމުމަކީ ހަމައެކަނި ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހު ފާސްކުރި ނިންމުމެއް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ގޮތް ނިމިގެން ދާނީ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ކަމަށްވެސް ސަލީމު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ވަޒިރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ބެލިދާނެ ކަމަށް އެކަމަށް އޭނާ އެކަށީގެންވޭތޯ ނުވަތަ ނޫންތޯ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މެންބަރުން ހަމަ އަޅުގަނޑު ގާތުގައި ވަރަށް ސާފުކޮށް ވިދާޅުވީ މިހާރު އެތަނުން އެއްވެސް މެންބަރަކު ވޯޓު ދޭކަށް ބޭނުމެއް ނުވެޔޭ.
އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން، ވެރިކަން ކޯލިޝަންގެ މެންބަރުން ވަނީ މިއަދު ޖަލްސާއަށް ހުރަސްއަޅައިފައެވެ. އޭގެ ސަބަބުން އެ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާ ދެމެދު މާރާމާރީ ހިނގައި، ބައެއް މެންބަރުންނަށް އަނިޔާވިއެވެ.