
ރައީސް އަބްދުﷲ ޔާމީންގެ އަޑުފުޅު ދާނި ދުވަހެއް ދުވަހަކަށް ވުރެ ދެން ގަދަވަމުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ، "ސަންގު އެމްވީ" ގައި ރައީސް ޔާމީންއާ ގުޅުވާ ލިޔެފައިވާ ލިޔުމަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަލީހު ވިދާޅުވީ، ވަކި ނޫސްވެރިއެއްގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ސަންގުޓީވީ ވެބްސައިޓުގައި ޝާއިއުކުރުވައިގެން އުޅެނީ ފެންވަރު ދަށް ޒާތީ ލިޔުމެއްކަމަށެވެ.
މީގެ އިތުރުން މަލީހު ވަނީ ސަންގު ޓީވީގެ އެޑިޓަރު އަދި އޯނަރު ހުންނެވީ ރައީސް މުއިއްޒުގެ ކެބިނެޓުގައިކަން ފަހަގަކުރައްވާ ދެން ސަންގުޓީވީއަކީ ވަކި ފަރާތަކަށް ނުޖެހޭ ޓީވީއެއްކަމުގައި ވާނެތޯ ސުވާލު ކުރައްވާފައެވެ. އަދި ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް ރައީސް ޔާމީންގެ އަޑުދަނީ ގަދަވަމުން ކަމަށާ ދެން ނުހުއްޓުވޭނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ. ސަންގު ޓީވީގެ ސީނިއަރ އެޑިޓަރަކީ މި ސަރުކާރުގެ ޒުވާނުން ވަޒީރު އިބްރާހިމު ވަހީދު (އަސްވާޑު)އެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު،ސަރުކާރުން ނުފޫޒު ފޯރުވައިގެން ވަނީ ރައީސް ޔާމީން ޖަލަށް އަވަހަށް ލުމަށް މިހާރު އަނެއްކާވެސް ކޯޓުގައި ދައުވާތއް އުފުލާ ޝަރީއަތްތައް އަލުން ފަށާފައެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި އެއީ ރައީސް ޔާމީން ސިޔާސީ ގޮތުން ނުކުންނަވާ ޕީއެންއެފްގެ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަން ފެއްޓުމުން އެމަނިކުފާނުގެ އަޑު ކަނޑުވާލަން ސަރުކާރުން ކުރާ ކަމެކެވެ.
ސަންގު އެމްވީއިން ރައީސް ޔާމީންގެ ފޮޓޯފުޅަކާ އެކު، "އާރެއް ބާރެއް ނެތް، މަގްބޫލުކަމެއްވެސް ނެތް" މި ސުރުޚީގެ ދަށުން ޝާއިއުކުރި ލިޔުން މިހާރުވަނީ ނަގާފައެވެ.










