ދިވެހިރާއްޖެ އޮތީ މާލީ ގޮތުން ބަލާއިރު ވަރަށް ވެސް ނިކަމެތި ހާލަތެއްގައި ކަމަަށާ އޭގެ ސަބަބުން ވިޔަފާރިވެރިން ތިބީ ހަދާނެ ގޮތް ހުސްވެ ދެން ކުރިއަށްދާންވީ މަގު ނޭނގިފައި ކަމަށް، ކާނަލް ރިޓާޔަޑް އަހުމަދު ފަޔާޒު (ޕާޕާ) ވިދާޅުވެއްޖެއެވެ.
ފަޔާޒު މިފަދައިން ވިދާޅުވެފައިވަނީ ގައުމުގެ މާލީ ހާލަތު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި "އެކްސް" ޕޯސްޓެއްގައެވެ.
ޑޮމެސްޓިކް ޑިފޯލްޓެއްގެ ތެރެއަށް ދިވެހި ގައުމު ވައްޓާލިތާ ދިހަ މަސްވެއްޖެކަމަށާ ކޮންޓްރެކްޓަރުންނާއި ވެންޑަރުން މިހާރު ތިބީ ވާނުވާގައި ކަމަށެވެ. އަދި ވިޔަފާރީގެ ރިޔާތައް އޮޅާލައިގެން ވިޔަފާރިވެރިން ތިބިއިރު ގައުމުގެ މާލީ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަން ފަޔާޒު ފާހަގަކުރައްވާފައިވެއެވެ.
ޑޮމެސްޓިކް ޑިފޯލްޓެއްގެ ތެރެޔަށް ދިވެހި ގައުމު ވައްޓާލިތާ ދިހަ މަސްވެއްޖެ.ކޮންޓްރެކްޓަރުންނާއި ވެންޑަރުން އެތިބީ ވާނުވާގައި،ވިޔަފާރީގެ ރިޔާތައް އޮޅާލައިގެން.މިކަންވަނީ ވަރަށް ބޮޑަށް ގޯސްވެފައި. ސަރުކާރަށް ސައިވިއްކާ މީހާގެ ފަސްހާސްރުފިޔާގެ ބިލް ޚަލާޞްކުރެވޭނެ ފަދަވެސް ހަމަ ނެތީ. pic.twitter.com/wGwjAAGhIi
— Ahmed Fayaz (proud to be a Maldivian ) (@VISNAAMEEHAA) September 6, 2024
ސަރުކާރަށް ސައި ވިއްކާ މީހާގެ ފަސް ހާސް ރުފިޔާގެ ބިލް ޚަލާޞްކުރެވޭނެ ފަދަވެސް މިހާރު ސަރުކާރުގައި ނެތް ކަމަށް ވެސް ފަޔާޒު ވަނީ ވިދާޅުވެފައެވެ.
ފަޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ގައުމުގެ މާލީ ހާލަތު އޮތީ ގޯސްކޮށްކަމަށް ސަރުކާރުގެ ބަހުން އެއްބަސްނުވި ނަމަވެސް ސަރުކާރުގެ ބައެއް އަމަލުތަކުން އެކަން ހާމަވެއެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ ޚަރަދު ކުޑަކުރުމަށް ބައެއް ކުންފުނިތައް އެއްކޮށްލާ، ބައެއް ކުންފުނިތައް އުވާލަން ވެސް ނިންމާފައެވެ.
މީގެ އިތުރުން މި ގައުމުގެ އިގްތިސޯދީ ހާލަތު ދަށްވެ ދަރަނި ނުދެއްކިދާނެކަމުގެ ހިރާސް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ކްރެޑިޓު ރޭޓިން، ފިޗުން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ރޭޓިން ދަށްވެސް ކޮށްފައެވެ.