

ހ. ދޫހިމެރިގޭ ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 37 ދިވެހިން ހިމެނޭ ގޮތުން ޖުމްލަ 57 މީހަކު ހާލުގައި ޖެހުނު ކަމަށާއި އެމީހުންނަށް އިންސާނީ އެހީތެރިކަން ދީފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެފަދަ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެމްޑީއެމްއޭ އިން އެހީތެރިކަން ދެނީ ދެގޮތަކަށެވެ. އެއީ ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދިނުން ނުވަތަ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމެވެ.
އެ އޮތޯރިޓީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އިއްޔެގެ ހާދިސާގައި ހާލުގައި ޖެހުނު އެންމެނަށް ވެސް ދިނީ މާލީ އެެހީތެރިކަމެވެ.
ދޫހިމެރިގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ފަހަރު އަލިފާން ނިއްވައިލި ފަހުން އަނެއްކާ ވެސް ރޭގެ ވަގުތެއްގައި ރޯވިއެވެ. އެ ހާދިސާގައި އަލިފާން ރޯވީ ދޫހިމެރިގޭގައި، ގާމަގު ކެފޭގެ ނަމުގައި ހިންގަމުން އައި ކެފޭ އެއްގެ މަތީގައެވެ.
ގާމަގު ކެފޭގައި ރޯވިއިރު އެތަނުގެ މަތީގައި ބިދޭސީ މަސައްކަތްތެރިންތަކެއް ދިރިއުޅޭ ކަމަށްވެއެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އަލިފާނުގެ ރިޕޯޓު ލިބުނުތާ ގަޑިއިރެއްހާއިރު ފަހުން އިއްޔެ މެންދުރު ފަހު 3:30 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ
މެންދުރު ރޯވި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކާއި ބިދޭސީ އަންހެނަކު އޭޑީކޭއަށް ގެންގޮސް ފަރުވާދިނެވެ. އެ ދެމީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.